ދ. ބަނޑިދުއަށް މިއަދު އައި ކޮޅިގަނޑެއްގައި އެރި ނަގޫރޯޅީގައި އެ ރަށަށް ލިބުނު ގެއްލުންތައް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު މިއަދު ބައްލަވާ ލައްވައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވެ ދެއްވައިފި އެވެ.
"އަވަސް" އަށް މައުލޫމާތުދެއްވަމުން ބަނޑިދޫ ކައުންސިލް މެންބަރު އުމަރު ޒާހިރު ވިދާޅުވީ، ކޮޅިގަނޑާ އެކު އައި ނަގޫރޯޅީގައި ފުރާޅު އެއްލައިލާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފަސްގެއަށް ވަޑައިގެން ގެއްލުންތައް ބައްލަވައި އެހީގެ ގޮތުގައި ކޮންމެ ގެއަކަށް 5،000 ރުފިޔާ ޝިޔާމް ދެއްވި ކަމަށެވެ.
ޝިޔާމް އެ ރަށަށް ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. އަދި ގެއްލުން ލިބުނު އެހެން ތަންތަން ވެސް ޝިޔާމް ބައްލަވާ ލެއްވި އެވެ. އުމަރު ޒާހިރު ވިދާޅުވީ ކޮޅިގަނޑުގައި ލިބުނު ގެއްލުންތަކުން އަރައި ގަތުމަށް ކައިރީ ރިސޯޓްތަކުގެ އެހީތެރިކަމަށް މިހާރު އެދިފައިވާ ކަމަށެވެ. ރަށަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް ވެސް މިއަދު އެ ރަށަށް ވަޑައިގެން، ގެއްލުން ލިބުނު ކޮންމެ ގެއަކަށް 1،000 ރުފިޔާގެ އެހީއެއް ވަނީ ވެދެއްވައިފަ އެވެ.
މިއަދު އައި ކޮޅިގަނޑުގައި ގަދަޔަށް ވައި ޖެހި ވިއްސާރަވުމުގެ ސަބަބުން އުފެދުނު ނަގޫރޯޅީގައި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި 12 ރުކަކާއި ބޮޑު ފަސް ގަހެއް ވަނީ ވެއްޓިފަ އެވެ. އަދި އެ ރަށުގައި ހުރި އާސާރީ މިސްކިތެއްގެ ފުރާޅު ވެސް އެއްލައިލި އެވެ.
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު، ކުރިއަށް އޮތް ތިން ދުވަހަކީ ވެސް ވިއްސާރަ ކުރާނެ ތިން ދުވަހަށް ވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އަދި އެ އިދާރާއިން ވަނީ ރައްކާތެރިވެ ތިބުމަށްވެސް އިލްތިމާސްކޮށްފަ އެވެ.