ދުނިޔެ

އިޓަލީގައި ވެއްޓުނު ބްރިޖު ދަށުވެފައިތިބި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް

Aug 15, 2018

ޖެނޮއާ (އޯގަސްޓް 15) - އިޓަލީގެ ޖެނޯއާ ސިޓީގައި އިއްޔެ ވެއްޓުނު މޮޓޯވޭ ބްރިޖު ދަށުވެފައިތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރެވޭއިރު، އެ ހާދިސާގައި މިހާތަނަށް 26 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ސަސްޕެންޝަން ބްރިޖް ހިފަހައްޓަން ޖަހާފައިވާ ހުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއް ވެއްޓޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ބްރިޖު މަތީގައި އެވަގުތު ދުއްވި ބައެއް ވެހިކަލްތައް ބްރިޖުގެ ދަށުގައި އޮތް ރޭލު ދަގަނޑު މައްޗަށް ވަނީ ވެއްޓިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބްރިޖުން ބައެއް ވެއްޓުނު އިރު ޓްރެފިކުގެ ބޮޑު ކިޔޫއެއް ބްރިޖް މަތީގައި އޮތެވެ.

ބްރިޖު ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ގާތްގަނޑަކަށް 300 އޮފިޝަލުން ހަރަކާތްތެރި ވަމުން އަންނައިރު، ސަލާމަތް ކުރުމަށް އެދި ގޮވަމުންދާ އަޑު އިވޭ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ވެއްޓުނު ބްރިޖަކީ 1960 ގެ އަހަރުތަކުގައި ހަދާފައިވާ ބްރިޖެއް ކަމަށްވެ އެވެ.