އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޮހެންއާ ސިއްރިއްޔާތުގައި ބައްދަލުކުރެއްވި ކަމުގެ ތުހުމަތުގައި ލީބިޔާގެ ހާރިޖީ ވަޒީރު ނަޖްލާ އަލްމަންގޫޝް ސަސްޕެންޑްކޮށްފި އެވެ.
މި ދެ ވަޒީރުން ބައްދަލުކުރައްވާފައި ވަނީ އިޓަލީގެ ރޯމްގަ އެވެ.
ނަޖްލާ އަލްމަންގޫޝް ސަސްޕެންޑްކުރަން އަމުރުކުރެއްވީ ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބާ އެވެ. އަދި އޭނާގެ މައްޗަށް ތަހުގީގެއް ހިންގުމަށް ވެސް ވަނީ ލީބިޔާގައި މިހާރު އެކުލަވާލާފައި އޮތް އެއްބައިވަންތަކަމުގެ ސަރުކާރުން ނިންމާފަ އެވެ.
އިޒްރޭލުގެ ނޫސްތައް ބުނާ ގޮތުން ދެ ވަޒީރުންގެ ދެމެދުގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނެވެ. މިއީ ތާރީހީ ބައްދަލުކުރެއްވުމެއްކަން ފާހަގަކޮށް ހަބަރުތަކުގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމަކީ ދެ ސަރުކާރުގެ ދެމެދުގައި އެއްބާރުލުމަށް ކުރެވުނު މަޝްވަރާތަކެއް ކަމަށެވެ.
ހާރިޖީ ވަޒީރުގެ މަގާމުގެ ހައިސިއްޔަތުން ނަޖްލާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް، ބޮޑުވަޒީރުގެ އަމުރަށް ވަނީ ހިފަހައްޓާފަ އެވެ. އަދި ވަގުތީ ހާރިޖީ ވަޒީރުގެ މަގާމަށް ޔޫތު މިނިސްޓަރު ފަތުހުﷲ އަލްޒާނީ މިހާރު ވަނީ އައްޔަންކޮށްފަ އެވެ.
ލީބިޔާގެ ހާރިޖީ ވުޒާރާއިން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ވަޒީރުންގެ ބައްދަލުކުރެއްވުމަކީ ރަސްމީ ބައްދަލުކުރެއްވުމެއް ނޫން ކަމަށެވެ. މިހެންކަމުން އެ ބައްދަލުކުރެއްވުމުގައި ރަސްމީ އެއްވެސް ކަމެއް ނިންމާފައި ނުވާ ކަމަށެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުން އަރަބި ދައުލަތްތަކާ ފުށުއަރާފާނެ އެއްވެސް ވާހަކައެއް އިޒްރޭލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ދެ ވަޒީރުންގެ ބައްދަލުވުމަކީ މަޝްވަރާ ބައްދަލުވުމެއް ނޫން ކަމަށާއި، އިޓަލީގެ ހާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ރޯމަށް ވަޑައިގެންވި މަގުމަތީގައި އިޒްރޭލުގެ ހާރިިޖީ ވަޒީރާ ބައްދަލުވީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އިލްރޭލާ އެކު ގުޅުން ބަދަހިކުރުމާއި އަދި ފަލަސްތީންގެ ބިމުގައި ޔަހޫދީން އާބާދުކުރުމާ އެއްކޮޅަށް ވަޒީރު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ލީބިޔާގެ ހައިސިއްޔަތަކީ ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް ކުރާ ވަކާލަތުގައި ދެމިއޮތުމާއި، ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ވާނެ ކަމަށް ކުރާ ދައުވާގައި ދެމިއޮތުން ކަމަށްވެސް ބަޔާނުގައިވެ އެވެ.