ދުނިޔެ

އިޒްރޭލާ އެކު ގުޅުން ބަދަހިކުރުމެއް ނެތް: ލީބިޔާ

އިޒްރޭލާ އެކު ގުޅުން ބަދަހިކުރުމަކީ އޭނާގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބާ ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ އޭނާ ނިސްބަތްވާ ސަރުކާރުގެ ވަޒީރަކުވެސް އިޒްރޭލާ އެކު މިފަދަ މަޝްވަރާއަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ލީބިޔާގެ ހާރިޖީ ވަޒީރު ނަޖްލާ މަންގޫޒްއާ އެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވެވި ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޮހެން އެވެ. އިޒްރޭލުގެ ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި އޭނާ ވިދާޅުވީ ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

ދެ ވަޒީރުންގެ ބައްދަލުވުމާ ގުޅިގެން ނަޖްލާ ވަނީ ޒިންމާތަކުން ދުރުކޮށް ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. މިއީ ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބުގެ އަމުރަކަށް ގެނައި ބަދަލެކެވެ. ވަޒީފާއިން ދުރުކުރުމަށް ފަހު ނަޖްލާގެ މައްސަ ބެލުމަށް ޕްރޮސެކިއުޓަރުންނަށް ވަނީ އަންގާފަ އެވެ.

ލީބިޔާ އަކީ އިޒްރޭލާ ދެކޮޅު ސިޔާސަތެއް -- ޒަމާނުއްސުރެ، ގެންގުޅޭ ގައުމެކެވެ. ލީބިޔާގެ ރައްޔިތުންނަނީ ފަލަސްތީނަށް ހެޔޮ ގޮތް ވުމަށް ވަކާލާތުކޮށް އަދި އެ ބިމުން އިޒްރޭލު ބާލަން ޖެހޭ ކަމަށް ގޮވާލާ ބައެކެވެ.

މި ބައްދަލުވުމުގެ ކަންތައްގަނޑު ބޮޑުވެ އާންމުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ވަނީ އަޑުގަދަކޮށްފަ އެވެ. އަދި ނަޖްލާ ހައްޔަރުކުރުމަށް ވަނީ ގޮވާފަ އެވެ.

އާންމުންގެ ރުޅިވެރިކަން އޮތްލެއް ބޮޑުކަމުން ނަޖްލާ މިހާރު ވަނީ ލީބިޔާ ދޫކުރައްވައި ތުރުކީއަށް ވަޑައިގެންފަ އެވެ.

ޓީވީ އިން ދުރަށް ދެއްކި ބައްދަލުވުމެއްގައި ބޮޑުވަޒީރު ވިދާޅުވީ ފަލަސްތީނަށް އިހާނެތިކޮށް ހިތޭ އެއްވެސް ކަމެއްގައި ލީބިޔާ ބައިވެރިނުވާނެ ކަމަށެވެ. ލީބިޔާ ސަރުކާރަކީ ފަލަސްތީނާ އެއްކޮޅު އަދި އިޒްރޭލުގެ ސިޔާސަތާ ދެކޮޅު ސަރުކާރެއް ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑުވަޒީރު ވަނީ ފަލަސްތީން ދެމެހެއްޓެވުމަށް، ލީބިޔާ ދެމެހެއްޓެވުމަށް އަދި ފަލަސްތީން ހައްގުގައި އެ ގައުމުންކުރާ މަސައްކަތައްވެސް ދެމެހެއްޓެވުމަށް ދުއާކުރައްވާފަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ސިޔާސަތާ ހިލާފަށް ވަޒީރުން ހަރަކާތްތެރިވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ސަރުކާރުން ތަންފީޒުކުރަނީ ގައުމީ އެޖެންޑާއެއް ކަމަށާއި ގައުމިއްޔަތުން ބޭރުވެ ފަރުދީ ޝައުގުވެރިކަމަށް އެނބުރިއްޖެ ވަޒީރަކު، އޮފިސަރަކު އަދި މަދަނީ މުވައްޒަކަށްވެސް އެ ހައްގު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދައިން ހަރަކާތްތެރިވާ ވަޒީރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި އެވެ.