އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަސްމީ ދަތުރެއްގައި އިޓަލީގެ ވެރިރަށް ރޯމަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް، ބޮޑުވަޒީރު ގޮވައިގެން ގައުމީ އެއާލައިންގައި ދަރުކޮށްދޭނެ ޕައިލެޓަކު ސަރުކާރަކަށް ނުވި އެވެ.
ޕައިލެޓެއްގެ އިތުރުން ބޮޑުވަޒީރަށް ޚިދުމަތްކޮށްދިނުމަށް ގައުމީ އެއާލައިންގެ ފަޅުވެރިއަކު ވެސް ބޭނުމެއްނުވި އެވެ.
ސަރުކާރަށް މިހާރު ޖެހިފައި އޮތީ ބޮޑުވަޒީރު ގޮވައިގެން އިޓަލީއަށް ދަތުރުކޮށްދޭނެ އެހެން އެއާލައިނެއް ހޯދާށެވެ.
އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން ސަރުކާރުން މިހާރު މަސައްކަތްކުރަނީ ބޮޑުވަޒީރުގެ ދަތުރު ބިޑަށް ލުމަށެވެ. އިޒްރޭލުގައި އޮޕަރޭޓްކުރާ އަދި ބޮޑުވަޒީރު ގޮވައިގެން ދަތުރުކުރެވޭ ފެންވަރުގެ އެއާލައިންތަކުގެ މެދުގައި ބިޑަށް ވާދަކޮށް -- ބިޑް ކާމިޔާބުކުރާ އެއާލައިނަކަށް ދަތުރު ދިނުމަށެވެ.
ސަރުކާރަށް މިފަދަ ހާލަތެއް ޖެހިފައި މި އޮތީ ޚުދު ބޮޑުވަޒީރުގެ ބެންޖަމިން ނަތަންޔާހޫގެ ސަބަބުންނެެވެ.
އިޒްރޭލްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެން ޝައުރީ ދާއިރާ އިސްލާހު ކުރުމުގެި ނިޔަތުގައި ގާނޫންހަދާ މަޖިލީހަށް ހުށަހެޅި ބިލެއްގެ ސަބަބުން މުޅި އިޒްރޭލުގައި އޮތީ ހަމަނުޖެހުމެވެ.
ސަރުކާރުގެ މި ބިލަށް އާންމުން ތާއީދެއް ނުކުރެވެ އެވެ. ޔުނިވާސިޓީތަކާއި ސިނާއީ މަސައްކަތްތެރިން ވެސް މި ބިލަށް ތާއިދެއް ނުކުރެ އެވެ.
އިޒްރޭލުގެ އާންމުންނާއި ފަންނުވެރިން މިހާރު ތިބީ މި ބިލަށް ދެކޮޅު ހެދުމަށް މަގުތަކަށް ނުކުމެ މަދަނީ ބަސްނޭހުމެއްގަ އެވެ. އެހެނެއް ކަމަކު، ސަރުކާރު އެދޭ ގޮތް ނޫން ގޮތަކަށް ބިލް އިސްލާހުކުރުމުގެ ވިސްނުމެއް ވެސް ވަޒީރުން ނުގެންގުޅުއްވަ އެވެ.