ދުނިޔެ

ސިއްރު މަޝްވަރާއެއްގެ ކުރިން އަޅުގަނޑުގެ އޯކޭ ހޯއްދެވުމަށް ދަންނަވަން: ނަތަންޔާހޫ

އިޒުރޭލުގެ އެއްވެސް ވަޒީރަކު ނުވަތަ ސަރުކާރުގެ އޮފިޝަލަކު ސިއްރު މަޝްވަރާއެއް -- އެއީ ބޭރު ގައުމެއްގެ ވަޒީރަކާ އެކު ނުވަތަ އޮފިޝަލަކާ އެކު ނަމަވެސް -- ބާއްވަން ވާނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ރުހުން ދިނުމުން ކަމަށް އިދާރާތަކަށް އަންގައިފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން މި ގޮތަށް ބަޔާނެއް ނެރުނީ ލީބިޔާގެ ޚާރިޖީ ވަޒީރު ނަޖްލާ އަލްމަންގޫޝްއާ އެކު އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޮހެން، އިޓަލީގެ ރޯމްގައި ސިއްރު މަޝްވަރާ ބައްދަލުވުމެއް ބޭއްވިކަން ފަޅާއެރުމާ ގުޅިގެންނެވެ.

މި ހަބަރު ދުނިޔެއަށް އާންމުކޮށްފައިވަނީ އިޒްރޭލުގެ ނޫސްތަކުންނެވެ.

މި ބައްދަލުވުމާ ގުޅިގެން ނަޖްލާ ވަނީ ޒިންމާތަކުން ދުރުކޮށް ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. މިއީ ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބުގެ އަމުރަކަށް ގެނައި ބަދަލެކެވެ. ވަޒީފާއިން ދުރުކުރުމަށް ފަހު ނަޖްލާގެ މައްސަ ބެލުމަށް ޕްރޮސެކިއުޓަރުންނަށް ވަނީ އަންގާފަ އެވެ.

ލީބިޔާގައި މި ބައްދަލުވުމުގެ ކަންތައްގަނޑު ބޮޑުވެ އާންމުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ވަނީ އަޑުގަދަކޮށްފަ އެވެ. އަދި ނަޖްލާ ހައްޔަރުކުރުމަށް ވަނީ ގޮވާފަ އެވެ.

އާންމުންގެ ރުޅިވެރިކަން އޮތްލެއް ބޮޑުކަމުން ނަޖްލާ މިހާރު ވަނީ ލީބިޔާ ދޫކުރައްވައި ތުރުކީއަށް ވަޑައިގެންފަ އެވެ.

ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ވަޒީރުންނަށާއި އޮފިޝަލުންނަށް އެންގެވި އެންގެވުމުގެ އިތުރުން، ހާރިޖީ ސިޔާސަތާ ގުޅުން ހުރި ނާޒުކު ހަބަރުތައް އާންމުކުރުމުގެ ކުރިން ސީދާ ނަތަންޔާހުގެ ރުހުން ހޯދުމަށްވެސް އޮތީ އަމުރުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ ޚާރިޖީ ވަޒީރު، ލީބިޔާގެ ހާރިޖީ ވަޒީރާ ބައްދަލުކުރެއްވީ ނަތަންޔާހޫ ވިދާޅުވި ވިދާޅުވުމަކަށް ނޫނެވެ. އަދި އެ ބައްދަލުވުން އޮތްކަން އަދި ހިނގައިދިޔަ ގޮތާ ބެހޭ އެއްވެސް ތަފުސީލެއް ނަތަންޔާހޫއަށް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އިޒްރޭލާ އެކު އަރަބި ގައުމުތަކުގެ ސަރުކާރުން ސިޔާސީ ގުޅުން ގާއިމުކުރަން ރޭވި ނަމަވެސް، މިފަދަ އެއްބަސްވުންތަކަކާ ހަމައަށް ނުގޮސް އޮތީ އެއީ އެ ގައުމުތަކުގެ އާންމުން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށްވާތީ އެވެ.

ފަލަސްތީންގެ ހާލަތު މިހާރު އޮތް ގޮތަށް އޮއްވައި އަރަބި އެއްވެސް ގައުމަކުން އިޒްރޭލާ ގުޅުން ބަދަހިކުރުމަކީ އާންމު ރައްޔިތުން އެދޭ ކަމެއް ނޫނެވެ.

ލިބިޔާގެ މައްސަލަ ވެސް މިހާ ބޮޑުވެގެން މިއުޅެނީ -- އާންމުންނަށް އެނގުމެއް ނެތި އިޒްރޭލާ އެކު ލީބިޔާ އިން ހަދާ ޑީލެއްގެ ސަބަބުން ފަލަސްތީނަށް ދެރަ ގޮތެއް ވެދާނެތީ އެވެ.