ދުނިޔެ

ލީބިޔާގެ ކޮމާޝަލް ފްލައިޓްތައް 10 އަހަރަށް ފަހު އިޓަލީއަށް

ލީބިޔާގެ ކޮމާޝަލް ފްލައިޓްތައް 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އިޓަލީއަށް ދަތުރުކުރަން ފަށައިފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން ޑިސެމްބަރު 2014 ގައި ލީބިޔާ ފްލައިޓްތައް މާނާކުރީ އެ ލީބިޔާގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެ ހާލަތުގައި ޔޫރަޕިއަން ކޮމިޝަނުން ބަލާފައި އޮތީ ލީބިޔާއަށް ނިސްބަތްވާ ފްލައިތަކުގެ ސަބަބުން ޔޫރަޕްގެ ގައުމަކަށް ނުރައްކާވެދާނެ ކަމަށެވެ.

ލީބިޔާ ފްލައިޓްތައް އިޓަލީއަށް އުދުހެން ޔޫރަޕިއަން ކޮމިޝަނުން އަލުން ހުއްދަދިނީ އިޓަލީގެ އޮފިޝަލުންނާ އެކު ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބާ ފާއިތުވި ޖުލައިގައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

މި މަޝްވަރާތަކާ ގުޅިގެން އިޓާލިއަން އެއާގެ ފްލައިޓެއް ޖުލައިގައި ލީބިޔާއަށް ދަތުރުކުރި އެވެ. އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލީބިޔާގެ ވައިގެ ބަނދަރުތަކުގައި ހަމައަށް ހުރިތޯ ބެލި އެވެ.

ލީބިޔާގައި 2011 ވަނަ އަހަރު އުފެދުނު ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފަ އެވެ. އެ ގައުމުގެ ވެރިކަމުގައި ހުންނެވި މުއައްމަރު ގައްޒާފީ އަވަހާރަކޮށްލުމާ ގުޅިގެން -- ހަނގުރާމަވެރި ގުރޫޕްތައް އުފެދި ވެރިކަމަށް ތަޅާފޮޅައި މުޅި ލީބިޔާ އޮތީ ޚަރާބުކޮށްފަ އެވެ.

އިޓަލީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކޮންމެ ހަފުތާއަކު ދެ ފްލައިޓް ބާއްވާ ގޮތަށް ލީބިޔާއިން ވަނީ ހަމަޖައްސާފަ އެވެ. މި ގޮތުން މެޑްސްކައި އެއާވޭސްގެ ފްލައިޓްތައް އިޓަލީއަށް -- ރޯމް އާއި ޓްރިޕޮލީއާ ދެމެދު ދަތުރުކުރާނެ އެވެ.

ލީބިޔާގެ ހާލަތު އަދިވެސް އޮތީ ގައުމު ހިނގައިގަންނަ ގޮތަކަށް ނޫނެވެ. އެ ގައުމުގައި މިހާރު ވެސް ދެ ސަރުކާރެއް އޮވެ އެވެ. އެއީ ވެރިކަމަށް ވާދަކުރާ ސިޔާސީ ގުރޫޕްތަކުން ބަލައިގަންނަ ވެރިކަމަކާއި އދ އިން ކަނޑައަޅާފައި އޮންނަ ވެރިކަމެކެވެ.

އެމެރިކާ އާއި ޔޫރަޕުން މުއާމަލާތްކުރަނީ އދ މެދުވެރިވެގެން އުފައްދާފައި އޮތް -- ބޮޑުވަޒީުރު އަބްދުލް ހަމީދު ދަބީބާގެ ސަރުކާރާ އެވެ.

އދ އިން ލީބިޔާގައި ސަރުކާރެއް އެކުލަވާލާފައި ވަނީ އެ ޖަމާއަތުން ފޯރުކޮށްދޭ އެހީތެރިކަން އާންމު ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު ބަހައިދިނުމަށެވެ. އަދި އދ އިން ލީބިޔާގައި ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.