މެންޗެސްޓާ ސިޓީ

ޑި ބްރައިނާއަށް އަނިޔާވެ، ދެމަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ އެޓޭކިން މިޑްފީލްޑާ ކެވިން ޑި ބްރައިނާ އަށް އަނިޔާވެއްޖެ އެވެ.

މެންޗެސްޓާ ސިޓީން އިން ބުނީ ޑި ބްރައިނާގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވީ ޓްރެއިނިންގެ ތެރޭގައި ކަމަށެވެ. އަނިޔާއާ މެދު އިތުރަށް އެޗެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓް ހެއްދުމަށް ފަހުގައި ކަމަށް ސިޓީން ބުނެ އެވެ.

ސިޓީން ވަނީ 27 އަހަރުގެ ކުޅުންތެރިޔާގެ ކަކުލުގެ ސްކޭނެއް ފަހުން ހައްދާފަ އެވެ. ނަމަވެސް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް ހާމަކޮށްފައެއް ނުވެ އެވެ. ބެލްޖިއަމްގެ ނޫސްވެރިޔަކު ރިޕޯޓް ކޮށްފައި ވަނީ ޑިބްރައިނާ ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ވޯލްޑްކަޕުގައި، ބެލްޖިއަމްގެ ގައުމީ ޓީމާއެކު މޮޅު ކުޅުމެއް ދެއްކި ޑި ބްރައިނާ، ސިޓީގެ ޓްރެއިނިންއާ ގުޅުނީ ވަރަށް ފަހުންނެވެ. އޭނާ ވަނީ ޕްރިމިއާ ލީގްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެފަ އެވެ.

ޑި ބްރައިނާގެ އެ ކަކުލުގެ ލިގަމެންޓަށް 2016 ވަނަ އަހަރުވެސް އަނިޔާވި އެވެ. އެއީ އެ އަހަރުގެ ލީގް ކަޕް ސެމީ ފައިނަލުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މިދިޔަ ސީޒަންގައި، ޑި ބްރައިނާ ވަނީ ސިޓީއަށް ލީގް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ ލީގްގައި އަށް ލަނޑު ޖަހައި އިތުރު 16 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

ދެ މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނަމަ، ޕްރިމިއާ ލީގްގެ ހަ މެޗުން އޭނާ އަށް ފުރުސަތު ގެއްލޭނެ އެވެ. އަދި ޗެމްޕިއަންސް ލީގްގައި ސިޓީގެ އެންމެ ފުރަތަމަ ދެ މެޗުވެސް އޭނާ އަށް ގެއްލޭނެ އެވެ.