ކޮކާ ކޯލާ ފީފާ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖެ 38 އަށް ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.
ފީފާ އިން މިއަދު ނެރުނު ޖޫން މަހު ރޭންކިންގައި ރާއްޖެ ވަނީ 38 ދަރަޖަ ފަހަތަށް ޖެހި، ރޭންކިންގެ 178 ވަނަ އަށް ވެއްޓިފަ އެވެ. މިއީ 1997 ވަނަ އަހަރުގެ ފަހުން ފީފާ ރޭންކިންގައި ރާއްޖެ އަށް ލިބުނު އެންމެ ދަށް މަގާމެވެ.
ސާކުގެ ސަރަހައްދުން ރާއްޖެ މިހާރު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. ސަރަހައްދުގެ އެއްވަނައިގައި އޮތީ ރޭންކިންގެ 141 ވަނައިގައި އޮތް އިންޑިއާ އެވެ. ސަރަހައްދީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އޮތީ 151 ވަނައިގަ އެވެ. ސަރަހައްދީ ގޮތުން ތިން ވަނައިގައި އޮތީ ބުޓާނެވެ. ކުރިން ރޭންކިންގެ އެންމެ ފުލުގައި އޮންނަ ބޫޓާން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖަށް ފުރަތަމަ ފަހަރަށް ކޮލިފައިވެ، ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދައި 159 ވަނަ އަށް ޖެހިލައިފަ އެވެ. ސަރަހައްދުގެ ހަތަރު ވަނައިގައ އޮތީ 166 ވަނައިގައި އޮތް ބަންގްލަދޭޝް އެވެ. ފަސް ވަނައިގައި އޮތީ 170 ވަނައިގައި އޮތް ޕާކިސްތާނެވެ.
ސަރަހައްދުގެ ހަތް ވަނައިގައި އޮތީ 183 ވަނައިގައި އޮތް ނޭޕާލެވެ. އަދި ސަރަހައްދީ ރޭންކިންގެ ފުލުގައި އޮތީ 186 ވަނައިގައި އޮތް ނޭޕާލެވެ.
ފީފާ ރޭންކިންގެ އެއްވަނައިގައި އަދިވެސް އޮތީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. ބެލްޖިއަމް ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ދެވަނަ އަށް ޖެހިލައިފަ އެވެ. އާޖެންޓީނާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ކޮލަމްބިއާ ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތީ ބްރެޒިލް އެވެ.