ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) މާޒިޔާ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މާޒިޔާ އިން މިއަދު ބުނީ ބޮކުރީ އާއި އާއްކޮ ވެސްް އަންނަ އަހަރު ފެންނާނީ މާޒިޔާގެ ޓީމުން ކަމަށެވެ.
ވިކްޓަރީން ކެރިއަރު ފެށި ބޮކުރީ ވަނީ 2012 ވަނަ އަހަރު ވެސް މާޒިޔާ އަށް ކުޅެފަ އެވެ. މާޒިޔާ ދޫކޮށް 2013 ވަނަ އަހަރު ނިއު އަށް ކުޅުމަށް ފަހު، މިިދިޔަ ސީޒަންގައި ބޮކުރީ އޭނާގެ އުފަން ރަށް އދ. މަހިބަދޫ އަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބަށެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާހެދި މިިދިޔަ ސީޒަންގައި ބޮކުރީ އަށް ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ކްލަބް އީގަލްސް އަށް ކުޅެމުންދާ އާއްކޮ އަކީ ގައުމީ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މީގެ އިތުރުން މި އަހަރުގެ ސީޒަންގައި އީގަލްސްގެ ޑިފެންސް ލައިން އިން ފާހަގަވެގެންދިޔަ އިބްރާހިމް ވެސް ވަނީ މާޒިޔާ އަށް ސޮއިކޮށްފަ އެވެ.
މާޒިޔާ އިން ބުނީ އެ މުހިންމު ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އަހުމަދު ނާޝިދު (ނާއްޓޭ) އާއި މުހައްމަދު އިރުފާން (އިރޭ) އާއި މޫސާ ޔާމީން އަދި އަމްދާން އަލީ (އެންޑީ) ވެސް އަންނަ އަހަރު އެ ޓީމުން ފެންްނާނެ ކަމަށެވެ.