ހަބަރު

އިދިކޮޅު މީހެއް ނުހުންނާނެ، ތިނަދޫގެ އެންމެންނާ ބައްދަލުކުރާނަން: ޝަހީމް

ގދ. ތިނަދޫއަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަޑައިގަތުމާއެކު ހޫނު މަރުހަބާއެއް ކިޔައިފި އެވެ. މިއަދު ހަވީރު ތިނަދޫއިން ޝަހީމަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

ޝަހީމަށް މަރުހަބާ ދެންނެވުމަށް ތިނަދޫގެ ގިނަ ބަޔަކު ބަނދަރަށް ނުކުމެ ތިބިއިރު އެންމެންނާ ސަލާމް ކުރައްވައި ނިމުނީ ގާތްގަނޑަކަށް 20 މިނެޓުންނެވެ. ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށްފަހު ޝަހީމް ވަނީ ތިނަދޫގައި މި ސަރުކާރުން ގާއިމްކުރާ އިސްލާމީ މަރުކަޒަށް ވަޑައިގެންފަ އެވެ.

ހަދަމުންދާ އެ މަރުކަޒުގައި ކައިރީގައި ހުންނަވާ ޝަހީމް ވިދާޅުވީ، ތިނަދޫއަކީ ރައީސް އަބްދުﷲ ޔާމީން ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމަށެވެ. އެގޮތުން އުމްރާނީ ގިނަ މަޝްރޫއުތަކެއް ތިނަދޫގައި ކުރިއަށްދާއިރު އޭގެ އެންމެ ބޮޑު ރަމްޒަކީ އިސްލާމީ މަރުކަޒު ކަމަށެވެ.

އެ މަރުކަޒު ވަރަށް ހުޅުވާނެ ކަމުގެ ޔަގީންކަން ޝަހީމް މިއަދު އެރުއްވި އެވެ. އަދި އިސްލާމީ މަރުކަޒުގައި މިސްކިތާއެކު ހޯލާއި ކްލާސްރޫމްތަކާއި ލައިބްރަރީ ފަދަ ވަސީލަތްތައް ހުންނާނެކަން ފާހަގަކުރެއްވި އެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ މުޅި ހުވަދު އަތޮޅަށް އިސްލާމީ ތައުލީމާއި ސަގާފަތް ފެތުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ އޭނާއަށް ތިނަދޫއިން ކީ ހޫނު މަރުހަބާއަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ. އަދި ތިނަދޫއިން ފެންނަނީ ރައީސް ޔާމީނަށް އޮތް ބޮޑު ތާއިދު ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީނަށް ތާއިދުކޮށް ދެއްވުމަށް ޝަހީމް އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެކެވެ. އެހެންވެ ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި ވަގުތު ބޭކާރުނުކޮށް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ވެސް ޝަހީމް ތިނަދޫގެ ރައްޔިތުންނަށް ގޮވާލެއްވި އެވެ. ޝަހީމް ވިދާޅުވީ، ތިނަދޫގައި އޭނާއާ ދެކޮޅު މީހަކު ނުހުންނާނެ ކަމަށާއި ކޮންމެ ޕާޓީއެއްގެ މީހެއް ނަމަވެސް ތިނަދޫގައި ބައްދަލު ނުކުރާނެ ރައްޔިތަކު ނުހުންނާނެ ކަމަށެވެ.