ޑރ. މުހައްމަދު މުއިއްޒު

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެ ރަށު ކައުންސިލުންނާއި ރައްޔިތުން ގެންދަނީ ތަކުރާރުކޮށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި އެދެމުންނެވެ.

ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ތިނަދޫ އަކީ ހުރިހާ ގޮތަކުންވެސް ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ރަށެއް ކަމަށެވެ. ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް ފުރިހަމައަށް ހުރި ނަމަ އާބާދީއަށް ބަލައިގެން ސިޓީއެއްގެ ދަރަޖަ ދިނުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އުއްމީދުގައި ހަގީގީ ކުލަ ޖައްސައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރި ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނޭ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ތިނަދޫއަށް ކޮށްދިނުމަށް ވައުދުވި ކަންކަންވެސް ދަނީ ވަރަށް ލަހުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ތިނަދޫގެ ބިން އަދިވެސް ހިއްކާނެ ކަމަށާއި އެރަށުގައި މިސަރުކާރުން ހަދަން ބުނެފައިވާ މަސް ފެކްޓަރީ ބާރަށް ކުރިއަށް ގެންގޮސް އޭނާ ނިންމަވާ ދެއްވާނެ ކަމަށެވެ. ތިނަދޫގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ވާންޖެހޭ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ތިނަދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އަދި އޭނާގެ މަސްވެރިކަމުގެ ސިޔާސަތުގެ ތެރެއިން "އެންމެ ފޮނި މީރު" ކަންކަން ލިބޭ ބަޔަކަށް ތިނަދޫގެ މަސްވެރިން ވާނެ ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ. ގާނޫނުގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ އާބާދީ އެރަށުގެ ދަފްތަރުގައި ރަޖިސްޓްރީވެފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ވަކި ޝަރުތުތަކަކާ އެކު ސިޓީއެއްގެ ދަރަޖަ ދިނުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެގޮތުން އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދިނީ ޖެނުއަރީ 1، 2020 ގައި ހދ. ކުޅުދުއްފުށްޓަށެވެ.

ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުޅުދުއްފުށީގެ އިތުރުން މާލެ، އައްޑޫ އަދި ފުވައްމުލަކަށެވެ. ލާމަރުކަޒީ ގާނޫނަށް އެންމެ ފުރަތަމަ އަމަލުކުރިއިރު ސިޓީއެއްގެ ދަރަޖަ ލިބެނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 25،000 އަށް އެރުމުންނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދޭން ބޭނުންވުމުން ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ސިޓީއެއްގެ ދަރަޖަ ދެވޭ އާބާދީ 10،000 އަށް ދަށްކުރީ އެވެ.