ރާއްޖެ ކުޅިވަރު

އިންޑޮނޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ

އިންޑަޕެންޑަސް ގޯލްޑަން ޖުބްލީ ގްލޯބަލް ވެޓްރަންސް ފުޓްބޯޅަ މުބާރާތުގައި މިރޭ ދިވެހިރާއްޖެ އަތުން 1-0 އިން ދިވެހިރާއްޖެ މޮޅުވެއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 52 ވަނަ މިނިޓުގައި ޖެހީ އިންޑޮނޭޝިއާގެ މިޑްފީލްޑަރު ފްރެޑީ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ފްރޭޑީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން މޮޅުވި ރާއްޖެ އަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޝާހު އިސްމާއިލް (ސާޔާ) އަށް ފުރަތަމަ ހާފުގައި ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

އިންޑޮނޭޝިއާ އިން ލީޑު ނެގި ފަހުން ވެސް، ރާއްޖެ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު ޖަމީލް (ޖަމްބޭ) ފޮނުވާލި ބާރު ޝޮޓެއް ބޭރަށް ދިޔައިރު، މުހައްމަދު އިބްރާހިމް (ދޮންބެ) އޭރިޔާ ތެރެއިް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މި މެޗުން ބަލިވުމުން ރާއްޖެ އަށް ވަނީ ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުުރުސަތު ހަނިވެފަ އެވެ. މި ގުރޫޕުން ސެމީ އަށް ދާނެ ޓީމުތައް ކަށަވަރުވާނީ މި މުބާރާތުގައި މާދަމާ ހެނދުނު އިންޑޮނޭޝިއާ އާއި ސިންގަޕޫރު ބައްދަލުކުރާ މެޗުންނެވެ. މި މެޗުން އިންޑޮޮނޭޝިއާ މޮޅުވެ، ނުވަތަ އެއްވަރުވެއްޖެ ނަމަ ގުރޫޕްގެ އެއްވަނަ އަށް ދާނީ އިންޑޮނޭޝިއާ އެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދާނީ ރާއްޖެ އެވެ. ސިންގަޕޫރު މޮޅުވެއްޖެ ނަަަމަ، ސެމީގެ ޖާގަތައް ކަނޑައަޅާނީ ލަނޑުގެ ތަފާތުންނެވެ.

މި މުބާރާތުގެ ގުރޫޕް ބީ އިން އިންޑިއާ ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މުބާރާތުގައި މިއަދު ހެނދުނު ބުރުނާއީ އަތުން 6-0 އިން އިންޑިއާ މޮޅުވިއިރު، ހަވީރު ކުޅުނު މެޗުގައި އިންޑިއާ ވަނީ މެލޭޝިއާއާ 2-2 އިން އެއްވަރުކޮށްފަ އެވެ.

މި މުބާރާތުގެ ގުރޫޕް ބީގައި މާދަމާ ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ މެލޭޝިއާ އާއި ބުރުނާއީ އެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅޭނީ މާދަމާ ހަވީރާއި މާދަމާ ރޭ އެވެ.