އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުގެ ތެރެއިން ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ އެކު ހދ ގެ ރަށަކަށް ފައިބައިފީމެވެ. އެ ރަށުގައި ކިޔަވަން އުޅުނު އެކުވެރިޔަކަށް ގުޅާލީ ނުފެނި ގިނަ ދުވަސްވީމައި ބައްދަލުކޮށްލުމުގެ ބޭނުމުގަ އެވެ. ބަނދަރު އޮތީ އިދިކޮޅު ޕާޓީތަކުގެ ކުލައިން ޖަރީކޮށްފަ އެވެ. ރަށުގައި މާގިނަ އިރުތަކެއް ހޭދަކުރަން ނުލިބޭނެތީ އެކުވެރިޔާ ގާތު އެދުނީ ބައްދަލުކޮށްލަން ބަނދަރު މައްޗަށް ނުކުތުމަށެވެ. އެކަމަކު އެކުވެރިޔާ ބުނީ ބަނދަރަށް މިގަޑީ ދެވެން ނެތް ކަމެވެ. ހައިރާންކަމާއެކު ސަބަބު އަހާލުމުން ޖަވާބުގައި ބުނީ އެ ވަގުތު އެތަނުން ފެނި، ފޮޓޯއަކަށް އޭނާ އަރައިފި ނަމަ ވަޒީފާ ގެއްލިދާނެތީ އެކަން އޭނާއަށް ކުރަން ނުކެރޭނެ ކަމަށެވެ. މިދަތުރުގައި މިކަހަލަ އެތައް ވާހަކައެއް އަހަރެން ކިޔައިދޭން އެބަ އޮތެވެ.
ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަބަދުމެ ކުރާ ތުހުމަތެކެވެ. ނަމަވެސް އެކަން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ހަރުކޮށް ދޮގުކުރެ އެވެ. އެއީ އަޅުވާ އިލްޒާމެއް ކަމަށް ބުނެ އެކަމުން ރެކިގަނެވެ. އެކަމަކު އެ ހަގީގަތް ފެނި މިއަދު އަޑު ވެސް އިވިއްޖެ އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫއާއެކު ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ދަތުރުކޮށް ރައްޔިތުންނާ ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި ވަޒީފާގެ ބިރުވެރިކަމުގެ ހާދިސާއެއް ނުއިވޭ ހަމަ އެންމެ ރަށަކަށް ވެސް ދެވިފައެއް ނުވެ އެވެ.
ވެރިކަން ކުރާ ރަށް، ކުޅުދުއްފުއްޓާ ދާދި ގާތުގައި އޮންނަ ނޮޅިވަރަމަށް ގޮސް އެންމެ ފުރަތަމަ ވެސް މަޑުކޮށްލީ ބަނދަރު މަތީގައި ހުރި ހޮޅުއަށީގަ އެވެ. އެ އަށީގައި މެދު އުމުރުފުރާގެ ދެ އަންހެނުން އޮލަ ވާހަކައެއްގައި ތިއްބެވެ. އޭރު ބަނދަރު މަތީގައި އިބޫއާ ސަލާމްކޮށް ފޮޓޯ ނެގުމަށް އެއް ބަޔަކު ނިކުމެ ސަފު ހަދާފައިވެ އެވެ.
އެއް އަންހެނަކު ބުންޏެވެ؛ "މި ކެމެރާތައް އެއް ފަރާތްވެލާއިރަށް މަ ދާނީ އިބޫއާ ސަލާމްކޮށްލަން،"
ޝައުގުވެރިކަމާއެކު ބަނދަރު މައްޗަށް ބަލަހައްޓައިގެން އިން އެ އަންހެން މީހާއާ ސުވާލެއް ކޮށްލީމެވެ. ކެމެރާތައް ދެކެ ބިރު ގަންނަނީތޯ އެހީމެވެ. ބޯ ހޫރާލުމަށްފަހު އަންހެން މީހާ ބުނީ ދަރީގެ ވަޒީފާ ކަމަށެވެ. ކެމެރާއަކަށް އޭނާގެ މަންޒަރެއް އަރައިފިނަމަ ދަރީގެ ވަޒީފާ ގެއްލިދާނެ ކަމަށް މާޔޫސްކަމާއެކު އޭނާ ބުނެލި އެވެ.
ހދ ގެ އެހެން ރަށެއްގައި ހިނގި ކަމެކެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ ޒުވާނެއް، އޮފީސް ނިންމާލުމަށް ފަހު ރަށު ޕިއްކަޕް ދުއްވައިގެން ވެސް އިތުރު އާމްދަނީ ހޯދަ އެވެ. އިބޫ ބައިވެރިވާ ޖަލްސާ ބޭއްވުމަށް ގެންދިޔަ ސައުންޑް ސިސްޓަމްފަދަ ތަކެތި ގެންދިޔުމަށް އެ ރަށުގައި އިސްކޮށް އުޅުނު މީހުން އޭނާގެ ރަށު ޕިކަޕް ކުއްޔަށް ނެގީ އެ ތަކެތި އުފުލުމަށެވެ. އެ ދަތުރު އެ ޒުވާނާކޮށް ދިން ކަމަށްޓަކައި އޭނާގެ ވަޒީފާ ގެއްލިދާނެ ބިރާއެކު އިންޒާރުތައް އައެވެ.
އިބޫ މަގުމަތިން ރަށު ތެރެއަށް ހިނގަވާފައި ދިޔައިރު ގެއެއްގެ ދޮރާށި ކައިރިން ވަގަށް ބޯދިގުކޮށްލައިގެން ހުރި އަންހެނަކު ދުށީމެވެ. އިބޫ ގޮސް އޮބާލުމުން އެ އަންހެން މީހާ ކުޑަކޮށް ބޭރަށް ނުކުތެވެ. އެމީހާއާ ގާތްވެލާފައި އިބޫއާ ސަލާމްކޮށްލަން ނުނުކުތީ ކީއްވެތޯ އަހާލީމެވެ. "ދައްތަ ފިރިމީހާގެ ވަޒީފާގެ ގޮތުން ގޯހެއް ވެދާނެތީ،" ކަމަށް ބުނެ އޭނާ ލަދުރަކި ޖަވާބެއް ދިނެވެ.
ސިޔާސީ ހަރަކާތްތަކުގައި އުޅެ އެކަމުގައި ފޯރީގައި ބައިވެރިވުމަކީ ދިވެހިންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އަބަދުވެސް އޮންނަ ކަމެކެވެ. އެކަމަކު އެކަމަށް މިހާރަކަށް އައިސް ވަޒީފާގެ ބިރުގެ ވަނީ ހުރަހަކަށް ވެފަ އެވެ. ސީދާ މުވައްޒަފަށް ބިރު އޮންނައިރު މުޅި އާއިލާ ވެސް ތިބެނީ އެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މިއީ ރާއްޖޭގެ ގާނޫނުތަކުން ތަންދޭ ބިރެއް ނޫނެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށްވުރެ ވެސް މި ބިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އޮވެ އެވެ. ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އެކަމަކު މުވައްޒަފުންގެ އާއިލާއަށް ބައިވެރިނުވެވޭނެ ކަމުގެ އެއްވެސް މާއްދާއެއް ނެތެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.
އިދިކޮޅު ހަރަކާތަކުގެ ތެރެއިން އާއިލާ މީހަކު ފެނުނަސް ދެން އެ އާއިލާގައި ހުންނަ މީހެއްގެ ވަޒީފާ އޮންނަނީ ބިރު ވެރިކަމަށް ހުށަހެޅިފަ އެވެ. ސަރުކާރުގެ ރެލީތަކަށް ސަރުކާރުގެ މުވައްޒަފުން މަޖުބޫރުކޮށްގެން ވެސް ގެންދާ ކަމުގެ ޝަކުވާ ބޮޑެވެ. ސަރުކާރުން ބާއްވާ ޖަލްސާއަކަށް ނުގޮސްފިނަމަ ހާޒިރީ ބަލައި ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ވެސް ދައްކާފައިވާ ކަމަށްވެ އެވެ. އެކަމަކު، އިިދކޮޅު ސިޔާސީ ހަރަކާތަކުން ކުޑަ މިންވަރަކަށް ވެސް ފެނިއްޖެ ނަމަ، ވަޒީފާއިން ވަކިކޮށް މަގުމަތި ކުރާނެ ކަމުގެ ބިރަކީ އަސްލުވެސް ހިނގަމުންދާ ކަމެއް ކަން މިއަދު ސާބިތުވެއްޖެ އެވެ. އެހެން ނޫނީ ރައްޔިތުން އެބިރުވެރިކަމުގައި ނޫޅޭނެކަން ޔަގީނެވެ.