ދުނިޔެ

އިޓަލީގެ ބްރިޖު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 43 އަށް

Aug 20, 2018

ޖެނޮއާ (އޯގަސްޓް 20) - އިޓަލީގެ ޖެނޯއާ ސިޓީގައި މިދިޔަ ހަފްތާގައި ވެއްޓުނު މޮޓޯވޭ ބްރިޖު ހާދިސާގައި މިހާތަނަށް 43 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ބްރިޖު ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވޭއިރު، އިއްޔެ އެއް އާއިލާއެއްގެ ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އެ ތިން މީހުންނަކީ އެ ހާދިސާއަށްފަހު ގެއްލުނުކަމަށް ރިޕޯޓްކޮށްފައިވާ އެންމެ ފަހު މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ހާދިސާގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ސަސްޕެންޝަން ބްރިޖް ހިފަހައްޓަން ޖަހާފައިވާ ހުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއް ވެއްޓޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ބްރިޖު މަތީގައި އެވަގުތު ދުއްވި ބައެއް ވެހިކަލްތައް ބްރިޖުގެ ދަށުގައި އޮތް ރޭލު ދަގަނޑު މައްޗަށް ވަނީ ވެއްޓިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބްރިޖުން ބައެއް ވެއްޓުނު އިރު ޓްރެފިކުގެ ބޮޑު ކިޔޫއެއް ބްރިޖް މަތީގައި އޮތެވެ.

އިޓަލީ ސަރުކާރުން ވަނީ އެ ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފަ އެވެ. އަދި އެ ބްރިޖު އޮޕަރޭޓު ކުރާ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީ ޙޮދަން އެ ކުންފުނި އިސްވެ ފަންޑެއް ވެސް ހުޅުވާފަ އެވެ.