އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ފަހަތުގައި ލިވަޕޫލް ވިއްދައިފި އެވެ.
އެއް ކުޅުންތެރިޔަކު، މަދުކޮށް ކްރިސްޓަލް ޕެލަސްއިން ކުރިއަށް ގެންދިޔައީ މެޗުގެ އެންމެ ފަހު 15 މިނެޓެވެ. އެއީ މެޗުގެ 75 ވަނަ މިނެޓްގައި އެ ޓީމު އާރޮން ވެން ބިސާކާ އަށް ރަތް ކާޑު ދެއްކުމުންނެވެ. ނަމަވެސް އޭގެ ކުރިންވެސް ލިވަޕޫލް ވަނީ ލިޑް ނަގާފަ އެވެ.
އެ ޓީމުން ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ އެވެ. ލިވަޕޫލަށް ދިން އެ ޕެނަލްޓީ އާ މެދު ޕެލަސްގެ ކޯޗް ރޯއީ ހޮޖްސަން ވަނީ ސުވާލު އުފައްދާފަ އެވެ. އެ ޕެނަލްޓީއަކީ، ޕެލަސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ މަމަޑޫ ސަކޯ، ލިވަޕޫލްގެ މުހައްމަދު ސަލާހްއަށް ޗާޖު ކުރުމުން އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުމުން، ފައުލެއް ކަމުގައި ބަލައި ރެފްރީ ދިން ޕެނަ؛ލްޓީ އެކެވެ.
"އެއީ ޕެނަލްޓީ އެއް ނޫން،" ޕެނަލްޓީ އާމެދު ސުވާލު އުފައްދައި، މެޗަށް ފަހު ވާހަކަ ދައްކަމުން ހޮޖްސަން ބުންޏެވެ. "ފުޓްބޯޅައިގައި އަހަރެން މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ، ގޭމް ބަދަލުވެއްޖެ ކުރިން ހީކޮށްފައި ނެތް ގޮތަކަށް، ކުޅުންތެރިޔާއަށް ފައުލު ކުރާނެ އެއްވެސް ހާލަތެއް އެތާކު ނެތް، އޭނާ [ސަކޯ] މަސައްކަތް ކުރީ ޑިފެންސު ކުރަން، އޭނާ ކުޅުންތެރިޔާގެ ގައިގައި ޗާޖު ކުރިކަމަށް ބެލެނެ އެއްވެސް ހަމައެއް ނޯންނާނެ."
ޕެނަލްޓީގައި، މިލްނާ ވަނީ ޕެލަސްގެ ކީޕަރު ވޭން ހިނެސީއަށް އަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށްފަހު ކާމިޔާބު ކޮށްފަ އެވެ.
ލިވަޕޫލްގެ ދެ ވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ސެޑިއޯ މާނޭ ކާމިޔާބު ކުރީ ސަލާހް ތަނަވަސް ކޮށްދިން ފުރުސަތެއްގައި، އުފެއްދި ކައުންޓަ އެޓޭކަކުންނެވެ. މެޗުގައި ލިވަޕޫލްގެ ޑިފެންސާއި ގޯލްކީޕަރު އަލިސަން ބެކޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޑިފެންސްގައި ސެންޓަރަލް ޑިފެންޑަރު ވެންޑައިކް ދެއްކި ކުޅުން ފާހަގަ ކޮށްލެވެ އެވެ.
އެންމެ ކުރީގައި އޮތް ހަ ޓީމުވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. ސިޓީއަށް ލަނޑުގެ ތަފާތުން ކުރި ލިބޭއިރު، އެ ޓީމާ އެންމެ ގާތުގައި އޮތީ ލިވަޕޫލެވެ. ސިޓީއާ ލިވަޕޫލާ ދެމެދު ހުރީ އެންމެ ލަނޑެއްގެ ތަފާތެވެ.