ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލު އިތުރަށް ސީރިއަސްވެ އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސް ފަރުވާދޭން ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖުލައި 13 ވަނަ ދުވަހު ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން އެވެ.
މައުމޫންގެ އަރިސްބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި މައުމޫންގެ ވަކީލުންގެ ބައްދަލުވުމެއް މިއަދު ހެނދުނު 10:30 އަށް ތާވަލްކުރި ނަމަވެސް، މައުމޫންގެ ސިއްހީ ހާލަތު ގޯސްވެ އެ ބައްދަލުވުން ދެވެން ނެތް ކަމަށް ކަރެކްޝަންސް އިން މިހާރު އަންގާފައިވާ ކަމަށެވެ. އަދި ވަކީލުން އެކަން އިތުރަށް ބެލިއިރު، މައުމޫންގެ ސިއްހީ ހާލަތު ކުރިއަށް ވުރެ ގޯސްވެފައިވާތީ އިތުރު ފަރުވާޔަށް މާލެ ގެނައުމަށް މާފުށީގެ ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ ވަޑައިގަތުމަށް މައުމޫން ތައްޔާރުވެވަޑައިގަތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފަހުން މައުމޫން މާލެ ނުގެންނަން ނިންމައި ޖަލަށް މާލެއިން ޑޮކްޓަރުން ގެންދާ ގޮތަށް ހަމަޖެއްސި އެވެ. މިހާރު ޑޮކްޓަރުން ވަނީ މާފުއްޓަށް ގޮސްފަ އެވެ.
މައުމޫންގެ ހާލު ކޮޅާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މައުމޫން ހައްޔަރުކުރީ ފެބުރުއަރީ އެެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެ އެވެ. އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ. މައުމޫން ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ބަލި ހާލުކޮޅު ހުރި ގޮތުން ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ޝަރީއަތް ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް ކޯޓްގައި އެދިވަޑައިގަންނަވާ ކަމަށެވެ.
މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައިވެ އެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ސިއްހީ ހާލަތު އެހެން ހުރުމުގެ ސަބަބުން މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން އެކި ފަހަރު ކޯޓްގައިވެސް އަދި ސަރުކާރުގައިވެސް އެދިފައިވެ އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ މައުމޫގެ ބަންދަށް ލުޔެއް ނުދޭން ނިންމައިފަ އެވެ.