ހަބަރު

ސިއްހީ ހާލު ގޯސްވެފައި ވަނިކޮށް މައުމޫން ދޫނިދޫއަށް ބަދަލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް އެމަނިކުފާނު ދޫނިދޫއަށް މިއަދު ބަދަލުކޮށްފި އެވެ.

މައުމޫން ރީފޯމް މޫވްމަންޓުގެ އިސް ބޭފުޅެއް ވިދާޅުވީ ރައީސް މައުމޫން މާފުށިން ދޫނިދޫއަށް ބަދަލު ކުރުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ބަދަލު ކުރާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި މައުމޫން ދޫނިދޫއަށް ބަދަލު ކުރާއިރު އެމަނިކުފާނުގެ ސިއްހީ ހާލަތު ގޯސްވެގެން މާލެއިން ޑޮކްޓަރުންތަކެއް ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް މާފުށީ ޖަލަށް ގެންގޮސްފަ އެވެ. އަދި އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށް ބުނެ އެތަށް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖުލައި 13 ވަނަ ދުވަހު ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން އެވެ.

މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައިވެ އެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ސިއްހީ ހާލަތު އެހެން ހުރުމުގެ ސަބަބުން މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން އެކި ފަހަރު ކޯޓްގައިވެސް އަދި ސަރުކާރުގައިވެސް އެދިފައިވެ އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ މައުމޫގެ ބަންދަށް ލުޔެއް ނުދޭން ނިންމައިފަ އެވެ.

މައުމޫން ހައްޔަރުކުރީ ފެބުރުއަރީ އެެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެ އެވެ. އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ. މައުމޫން ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ބަލި ހާލުކޮޅު ހުރި ގޮތުން ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ޝަރީއަތް ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް ކޯޓްގައި އެދިވަޑައިގަންނަވާ ކަމަށެވެ.