ހަބަރު

ހޫނު މަރުހަބާއެއް، ނޮޅިވަރަންފަރުގެ ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި

ހދ ނޮޅިވަރަންފަރުގެ ބަނދަރު ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުވައިދެއްވައިފި އެވެ. އެމަނިކުފާނު ނޮޅިވަރަމްފަރަށް ވަޑައިގަތުމުން ގިނަ ބަޔަކު އެމަނިކުފަނަށް މަރުހަބާ ދަންނަވަން ނުކުމެ ތިއްބެވެ. އެ ރަށުގެ ބަނދަރު މަތި އޮތީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ފިޔާތޮށި ކުލައިގެ ދިދަތަކުންނާއި ރައީސްއަށް މަރުހަބާގެ މެސެޖްތައް ލިޔެފައިވާ ބެނާތަކުން ޖަރީކޮށްފަ އެވެ.

ރައީސް ޔާމީން ނޮޅިވަރަން ފަރަށް ވަޑައިގެންފައިވަނީ ތިލަދުންމަތީ ދެ ރަށަކަށް ވަޑައިގެންނެވުމަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ފުރަތަމަ ރަށުގެ ގޮތުގަ އެވެ. މި ދަތުރުފުޅުގެ ދެވަނަ ރަށެއްގެ ގޮތުން މިއަދު ހަވީރު އެ އަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާއިރު، އެރަށުގައި ވެސް ދެ މަޝްރޫއެއް ރައީސް މިއަދު އިފްތިތާހުކޮށްދެއްވާނެ އެވެ.

ނޮޅިވަރަންފަރު ބަނދަރުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ މަޝްރޫއަކީ 44.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ސަރުކާރުގެ ސިނާއީ ކުންފުނި އެމްޓީސީސީގެ ހަވާލުގައި ކުރިއަށްގެންދިޔަ މި މަޝްރޫއު ނިންމައިލީ މި އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. މި ބަނދަރަކީ 700 މީޓަރު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. އެ މަޝްރޫއަށް ހަރަދު ކުރީ ސަރުކާރުގެ ބަޖެޓުންނާއި އޭޑީބީގެ ލޯނު އެހީގަ އެވެ.

އެރަށުގެ ބަދަރަކީ މަސައްކަތް ފެށުމަށްފަހު އެ މަސައްކަތް ފުރަތަމަ ޕްލޭންކުރު ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން އަލުން ބަދަލުތަކެއް ގެނެސްގެން ހަދާފައިވާ ބަނދަރެކެވެ.

ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ނޮޅިވަރަންފަރުގެ ބަނދަރު ހަދާފައި ވަނީ ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ފަހު މިނިސްޓްރީއިން އެންމެ ފުރަތަމަ ރޭވި ގޮތަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ ބަނދަރާ އެކު ނޮޅިވަރަންފަރަަށް އިތުރު އާރޯކަން އަންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ތަނަވަސްކަން އަންނާނެ ފަދަ އުމްރާނީ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަމުން އެވެ.

"އެމްޓީސީސީ އާއި ސަރުކާރުގެ އެހެން ނިޒާމުތައް އޭގެ އެންމެ ރަނގަޅަށް ބޭނުން ކުރައްވައިގެން ބަނދަރު ހެދުމާއި މިކަހަލަ އުމްރާނީ މަސައްކަތްތައް ރައީސް ޔާމީން ގެންދަވަނީ ފުރިހަމަ ރޭވުންތެރިކަމާ އެކު ކުރައްވަމުން. މީގެ ކުރިން ސަރުކާރުތަކުގައި ހެނދުނީ އެންމެ 24 ހަކަށް ބަނދަރު. އެކަމަކު އެންމެ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން މީގެ އެތައް ގުނަ އިތުރަށް ބަނދަރު ހައްދަވާ ދެއްވައިފި،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް މިއަދު ބަނދަރު އިފްތިތާހުކޮށްދެއްވާފައިވާއިރު، އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް މިއަދު ވާހަކަފުޅު ދައްކަވާނެ
އެވެ. އެ ރަށުގައި ނަރުދަމާގެ ނިޒާމެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި ފެނުގެ ނިޒާމް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުން އެވެ.