އިންޑަޕެންޑަސް ގޯލްޑަން ޖުބްލީ ގްލޯބަލް ވެޓްރަންސް ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލްގައި ބަލިވެ ރާއްޖެ މުބާރާތުން ކަޓައި، އިންޑިއާ އާއި ސިންގަޕޫރު މުބާރާތުގެ ފައިނަލް އިން މިއަދު ޖާގަ ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މިއަދު ހަވީރު ރާއްޖެ އަތުން އިންޑިއާ މޮޅުވީ 2-0 އިންނެވެ. ސަރަަހައްދީ ފުޓްބޯޅައިގައި ރާއްޖެއާ ވާދަވެރި އިންޑިއާގެ ދެ ލަނޑު ވެސް ޖެހީ އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ވިޖަޔަން އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ލީޑު ނެގުމުގެ ކުރިން، ރާއްޖޭގެ ފޯވަޑް ޝާހު އިސްމާއިލް (ސާޔާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޕެނަލްޓީ އޭރިޔާ ތެރެއިން ޝާހު ބޮލުން ފޮނުވާލި ބޯޅަ އިންޑިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ދެވަނަ ހާފުގައި ވެސް ރާއްޖޭގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި މުހައްމަދު ޖަމީލް (ޖަމްބޭ) އަދި އަޝްރަފް ލުތުފީ (ސަމްޕަތު) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވީ ސިންގަޕޫރު އަތުންނެވެ. އިންޑޮނޭޝިއާ އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ.
މުބާރާތުގެ ފައިނަލްގައި މާދަމާ ހަވީރު އިންޑިއާއާ ދެކޮޅަށް ނުކުންނާނީ ސިންގަޕޫރެވެ. ސިންގަޕޫރު ވަނީ މިރޭ ކުޅުނު ދެވަނަ ސެމީގައި މެލޭޝިއާ އަތުން 6-3 އިން މޮޅުވެފަ އެވެ.
މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން ބޭއްވި މުބާރާތުގައި ރާއްޖެއާއެކު ޖުމްލަ ހަ ގަައުމެއް ވާދަކުރެ އެވެ.