ހަބަރު

ރައީސް ޔާމީންގެ ވައުދު: ނުކުޅެދޭ ކުދިންގެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކުރާނަން

Aug 23, 2018
5

ފަސް އަހަރުގެ ދައުރަކަށް އަލުން އިންތިހާބު ވެއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކޮށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެނީ، 2،000 ރުފިޔާގެ އެލަވަންސް އެކެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ހަފްލާގައި އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ބައެއްގެ ގޮތުގައި ހަގީގީ މާނައިގައި ބަލައިގަތީ މި ސަރުކާރުން ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް އެންމެ ބޮޑަށް އަޅާލައި ވަޒީފާގެ ފުރުސަތުތައް މި ސަރުކާރުގައި ތަނަވަސްކޮށްދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، އެ ފަރާތްތަކަށް އަޅާލާ އަޅާލުން މިހާރަށް ވުރެ ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ސްކީމެއް ތައާރަފްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ 2،000 ރުފިޔާގެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ސްކީމްގެ ދަށުން ވަޒީފާއެއް ލިބެންދެން އެކި އެހީތައް ދޭނެ ގޮތްތައް ރާވާނެ ކަމަށެވެ. އެގޮތުން ލޯނުތައް ލިބޭނެ ފުރުސަތުތަކާއި އެހެން ވެސް ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރަށް ރައީސް ވަނީ، މިފަދަ ސިޔާސަތުތަކެއް އިދިކޮޅު ކެންޑިޑޭޓުންގެ ކިބައިން އަޑު ނީވޭތީ އެބޭފުޅުން ރައްޔިތުންނާ މެދު އުންމީދީ ސިޔާސަތުތަކެއް ނެތް ކަމަށް ވިދާޅުވެ، އެބޭފުޅުންނަށް ފާޑު ވިދާޅުވެފަ އެވެ.