ވާހަކަ

އިއުތިރާފު ސިލްސިލާ: ކަޅަށް ޖެއްސުން

Jun 6, 2015
1

ކޮޓަރީގެ ދޮރުގައި މީހަކު ހިފިއަޑަށް އަހަރެންގެ ދެ ލޯ މަރާލީމެވެ. ނިދާކަމަށް ހެދިގަތީމެވެ. ކޮޓަރިއަށް ވަނީ ކާކުކަން އަހަންނަށް އެނގޭތީ އެވެ. އެއީ އަހަރެންގެ ފިރިމީހާ އެވެ. ލޯ މަރާލައިގެން އަހަރެން އޮތީ ޑަބަލް އެނދުގެ ކަނާއަތް ފަޅީގަ އެވެ. އަބަދުވެސް އަހަރެން އޮންނަ ފަޅި އެވެ. އަބަދުވެސް އޮންނަ ގޮތަށެވެ. އޭނާ އެއައީ އާންމުކޮށް ގެއަށް އަންނަ ގަޑީގަ އެވެ. ގަޑިއަށް ނުބަލައި ވެސް އަހަންނަށް އެގަޑި ބުނަން އެނގޭނެ އެވެ. ވަޒީފާ އިން އެނބުރި އައިސް އިރުއޮއްސޭއިރަށް ބޭރަށް ދާ ފިރިމީހާ ގެއަށް އެނބުރި އަންނާނީ ދަންވަރު ދެ ގަޑިބައި ނުވަތަ ތިންގަޑި ބައިވާ ފަހުންނެވެ. އެ އަންނަ ގޮތަށް އައިސް އެނދު މައްޗަށް ދެމޭނީ އެވެ. އެނދަށް އެރުމުގެ ކުރިން ކޮންމެ ރެއަކު ވެސް ލައިގެން ހުންނަ ގަމީސް ދޮންނަ މެޝިނަށް ވައްޓާލާނެ އެވެ. އެއީ އަހަންނަށް ޝައްކުވެދާނެތީ އެވެ. އަހަންނަށް ވަނީ ޝައްކެއް ނޫނެވެ. ޔަގީނެވެ.

ލޮލަށް ނިދި ނައިސްގެން ކޮންމެ ރެއަކު މި ގޮތަށް އޮންނަން ޖެހެނީ ވެސް އެހެންވެގެންނެވެ. ދޮންނަ މެޝިނަށް އަޅާފައި އޮންނަ ގަމީހުން ވަސް ނުބެލެނީސް އަހަރެންގެ މި ދެ ލޮލަކަށް ނިންޖެއް ނާދެ އެވެ. އެ ސެންޓްގެ ވަހަކީ އަހަންނަށް އާ ވަހެއް ނޫނެވެ. ކޮންމެ ރެއަކު ވެސް ހަމަ އެއް ވަހެކެވެ. އެއީ އަހަރެން ބޭނުންކުރާ ސެންޓެއްގެ ވަހެއް ނޫނެވެ.

ކޮންމެވެސް އެހެން އަންހެނަކު ބޭނުންކުރާ ސެންޓެއްގެ ވަހެކެވެ. ވަރަށް އާންމު ވަހެކެވެ.

ފިރިމީހާގެ މި ކުޅިގަނޑު ފެށުނީ އަހަރެމެންގެ އަލަތު ދަރި އަށް އަހަރެން ބަނޑުބޮޑުވި ހިސާބުންނެވެ. އޭރު އަހަންނަކަށް މިއިން އެއްވެސް ކަމެއް ނޭނގެ އެވެ. ވިއްސާ ކޮޓަރިއަށް ވެއްދިއިރު އަހަރެންގެ ދިރިއުޅުމަށް އޮތީ ހަމަ ރަނގަޅަށް ވެސް މީދާ އަރައިފަ އެވެ. އެންމެ ފުރަތަމަ ފެނުނީ މި ބުނާ އަންހެން މީހާ ފަހަތަށް އަރުވައިގެން އަހަރެންގެ ފިރިހެނުން ސައިކަލްގައި ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދަނިކޮށެވެ. އެ މަންޒަރު ފެނުނީ އަހަންނަކަށް ނޫނެވެ. ދެ މީހުން ތިބި ގޮތް ކިޔައިދިނީ އަހަރެންގެ ފަހަރި އެވެ. އެއީ އޭނާ އާއި ދޮންބެ ބިލަތްގަނޑަކަށް ބޭރަށް ނުކުމެ އުޅުނު ރެއެއްގައި ފެނިގެންނެވެ. އެ ވާހަކަ އޭނާ އަހަންނަށް ކިޔައިދިނީ ވިސްނާނުލައި އަހަރެން އެއްވެސް ކަމެއް ނުކުރުމަށް ޝަރުތުކޮށެވެ.

އޭރު އަހަރެންގެ ބަނޑަށް އަށް މަހެވެ. އޭރު ގިނަ ރޭރޭ ހޭލެވީ ބަނޑުގައި އޮތް ދަރިފުޅު ހެލިލާ ގޮތަކުންނެވެ. ނަމަވެސް ފަހުން ހޭލެވެން ފެށީ ދަންވަރު ގަޑީގައި ވަގު ފިޔަވަޅުތަކެއް ނަގަމުން އައިސް ފިރިމީހާ އެނދުގައި އޮށޯންނަ އަޑަށެވެ.

ކޮޓަރި ތެރޭގައި ހުންނަ ދޮންނަމެޝިނުގެ މަތިގަނޑު ހުޅުވާލާ އަޑަށެވެ. ނަމަވެސް އަހަރެން ވެސް އޮތީ ވަގު ޖަހައިގެންނެވެ.

އަހަރެންގެ ބަނޑުގައި ރިއްސައިގަތީ ވެސް އެއިން ރެއެއްގަ އެވެ. އެކަމަކު އޭރު އަދި ފިރިމީހާ ގެއަކަށް ނާދެ އެވެ.

މެންދަމުން އަލިވެ ދެގަޑިބައި ވަނީ އެވެ. ބަނޑުގައި ރިއްސައިގަތީ ފިރިމީހާ ގެއަށް ނައިސް ލަސްވެގެން އެންމެފަހުން އަހަރެން އެނދުން ތެދުވާން ހިފާލުމުންނެވެ. އެ ތަދާ އެކު ހޮސްޕިޓަލަށް ގޮސް މާ ގިނައިރުތަކެއް ނުވެ ވިހެއީ އެވެ. ފިރިމީހާގެ ޚަބަރެއްވީ އޭގެ އެއްގަޑިއިރު ފަހުންނެވެ. ދަރިއަކު ލިބުނުކަން އޭނާ އަށް އެނގުނީ އާދައިގެ މަތިން ގެއަށް އައިތަނުންނެވެ. އޭރު ގޭގައި އޭނާގެ އިންތިޒާރުގައި ހުރީ ދޮންބެ އެވެ. ފޯނަށް ގުޅައިގެން ވެސް ޚަބަރެއް ނުވެގެންނެވެ.

ރޭގަނޑުގެ ވަކި ހިސާބަކުން ފިރިމީހާގެ ފޯނު ކޮންމެރެއަކު ވެސް އޮންނާނީ ނިވިފަ އެެވެ. ނުވަތަ ރިންގްވިޔަސް އެއަށް ޖަވާބެއް ނުދޭނެ އެވެ. އޭނާގެ ވާޝަންގައި ރައްޓެހިންނާ އެކު ކޮފީގަ އެވެ. ނުވަތަ އޭނާގެ ޓްރެވެލް އޭޖެންސީގަ އެވެ.

އެއީ އޭނާގެ ވިޔަފާރި އެވެ. ދެތިން އެކުވެރިޔަކާ އެކު ފަށައިގެން އުޅޭ ވިޔަފާރި އެކެވެ.

ފިރިމީހާ އެހެން އަންހެނެއް ގާތުން އުފާހޯދާކަން އަހަންނަށް ޔަގީންވިޔަސް އަހަރެން އޭގެ އެއްވެސް ވާހަކައެއް އަދި މައްސަލައެއް އޭނާ ގާތަކު ނުޖައްސަމެވެ. އަނެއްކޮޅުން ފިރިމީހާ އަހަންނަށް ވަގަށް ކޮންމެ ރެއަކު ދިމާވާ އަންހެން ކުއްޖާގެ މައުލޫމާތެއް ވެސް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް އެނގި ޔަގީންވެފައި އޮތް ހަމައެކަނި ކަމަކީ ފިރިމީހާ ކޮންމެ ދުވަހަކު ލައިގެން ދާ ގަމީހުން، ގެއަށް އެނބުރި އަންނައިރު އަންހެނެއްގެ ވަސް ދުވާ ކަމެވެ. ދެން ފަހަރި އަހަންނަކަށް ދޮގެއް ނަހަދާނެ އެވެ. އޭނާގެ ވާހަކަ އަށް އަހަރެން އިތުބާރުކުރަމެވެ. އަހަރެންގެ ފިރިމީހާ ހިލޭ އަންހެނަކު ގޮވައިގެން ސައިކަލް ދުއްވާލަން ދިޔަތަން ފެނުނު ވާހަކަ އޭނާ ބުނާނީ އަހަރެންގެ ފިރިމީހާ އެގޮތަށް ފެނިގެންނެވެ.

ދަރިއަކު ލިބުމުން އަހަރެން ހީކުރީ ފިރިމީހާ ރަނގަޅުވެދާނެ ކަމަށެވެ. އަޑުއިވިފައި ހުރި ވާހަކަ އާއި އަތުން ހިފާފައި ހުރި ހެކިތަކުގެ ވާހަކަ ނުދައްކައި މަޑުކުރީ ވެސް އަސްލު އެހެންވެގެންނެވެ. ނަމަވެސް އޭނާ ރަނގަޅުވާ ގޮތެއް ނުވި އެވެ.

އެކަމަކު ވެސް ތުއްތު ދަރިއަކު ބައްޕައެއްގެ ލޯބިން މަހްރޫމްވެދާނެތީ އެއްވެސް ކަމެއް ކުރާކަށް އަހަންނަކަށް ނުކެރުނެވެ. އެންމެ ކުޑަމިނުން ގެއަށް ނައިސް ދަންވަރު އެހާ ލަސްވަނީ ކީއްވެގެންތޯ ވެސް ސުވާލުކޮށްލާކަށް ނުކެރުނެވެ. އެކަހަލަ ސުވާލެއް ކޮށްފި ނަމަ އޭނާ ބުނާނީ އޮފީހުގައި މަސައްކަތް ގިނަކަމުން އެތަނުގައި އުޅެނީ ކަމަަށެވެ. ފަހަރެއްގައި އެ ވާހަކަ ތެދަކަށް ވެދާނެ އެވެ. ނަމަވެސް އޭނާގެ މުވައްޒަފެއްގެ ދުލުން އެކަން ކަށަވަރު ނުވަނީސް އަހަރެން ހިތްހަމައެއް ނުޖެހުނެވެ. 

ހޮސްޕިޓަލުން ގެއަށް ބަދަލުވިތާ ހަފުތާ އެކެވެ. އަހަރެންގެ އެކުވެރިންނާއި ފިރިމީހާގެ އޮފީހުގެ މީހުން ވެސް ދަރިފުޅު ދެކިލަން ގެއަށް އައި ދުވަހެކެވެ. އަލަތު ދަރިފުޅުގެ އުފަލުގައި އަހަރެމެން ދެ މީހުން ގޭގައި ބޭއްވި ސައެކެވެ. އެ ދުވަހުގެ ފައިދާ ވީހާ ބޮޑަކަށް ނެގޭތޯ އަހަރެން ބެލީމެވެ. ފިރިމީހާގެ އޮފީހުގެ އެކި މީހުންނާ އަހަރެން ވާހަކަ ދެއްކީމެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ އަހަރެންގެ އެކުވެރިން ވެސްމެ އެވެ. ވަކިން ހާއްސަކޮށް އޭޖެންސީގެ މާކެޓިން މެނޭޖަރާ އަހަރެން ގާތްވާނެ އެވެ. އެއީ އަންހެން ކުއްޖެކެވެ. އަހަރެމެން ދެ މީހުންނަކީ އަމީނިއްޔާ އިން ފެށިގެން އެކުގައި ބޭރަށް ގޮސް މަޖާކުރަމުން އައި ދެ އެކުވެރިންނަށް ވީމަ އެވެ. ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް އޭނާ އަށް ފިރިމީހާގެ އޮފީހުން ވަޒީފާއެއް ހޯދައި ދިން މީހަކީ ވެސް އަހަންނެވެ. މި އަންހެން ކުއްޖާ އަކީ އަހަރެންގެ ފިރިހެނުންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ކުއްޖެ ނޫނެވެ.

ދަރިއަށް ބުއްދޭން އިނދެފައި އަހަރެން މި އަންހެން ކުއްޖާ އަށް ގޮވާލީމެވެ. ހިނިތުންވުމަކާ އެކު އޭނާ އައިސް އަހަރެން ކައިރީގައި އެދުގައި އިށީނެވެ. އެ ހަރަކާތާ އެކު އަހަރެންގެ ނޭފަތުގައި ބައްދާލި ސެންޓްގެ ވަހާ އެކު ދައްކަން އުޅުނު ވާހަކަ މަތިން ވެސް އަހަރެން ހަނދާން ނެތިއްޖެ އެވެ. އެކަމަކު އެއް ކަމެއް އަހަންނަށް އެ ހިސާބުން ވަގުތުން ޔަގީންވި އެވެ. އެއީ ފިރިމީހާގެ ވަގު ލޯބިވެރިޔާ އަކީ މި އަންހެން ކުއްޖާ ކަމެވެ. އަހަރެންގެ ދުވަސްވީ ރަހުމަތްތެރިޔާ ކަމެވެ.

އަހަރެންގެ ނާރުތަކުގައި ރޯވި ކަހަލަ އެވެ. އަހަރެން އެހާ ވަރުން އޭނާ އަށް ވަޒީފާއެއް ހޯދައިދިނުމުން އަހަރެންގެ ފިރިމީހާ ޖަހައިގަތީމަ އެވެ. އަނެއްކޮޅުން މި އަންހެން ކުއްޖާ އަކީ މީހަކާ ވެސް އިނދެގެން އުޅޭ ކުއްޖެކެވެ. އަހަރެން ހިތަށް އެރި އެވެ. ފަޅާއަރުވާލަންވީ އެވެ. ނޫނެކެވެ. އޭރުން އަހަރެންގެ ފިރިމީހާ ވެސް ބޭޒާރުވީ އެވެ. މީހަކާ އިނދެގެން އުޅެ މުވައްޒަފަކާ އެކު ލޯބީގެ ސިއްރު ގުޅުމެއް ހިންގުމަކީ ދެން ކިހާ ދަށު ދަރަޖައިގެ ކަމެއް ހެއްޔެވެ؟ އަހަރެން ލަދު ވެސް ގަތެވެ. ރުޅިވެސް ގަދަވި އެވެ. ބޮޑަށް ރުޅިގަދަވީ ފިރިމީހާގެ ވަގު ލޯބިވެރިޔާ އަކީ ކާކުކަން އެނގުނު ހިސާބުންނެވެ. އަދި މެޝިނުން ނެގި ގަމީސްތަކުން ދުވި ސެންޓްގެ ވަސް ކުރިން ނޭނގުނީމަ އެވެ. އެއީ ޑޮލްސް އެންޑް ގަބާނާ މަރުކާގެ ޑިޒަޔާ ސެންޓްގެ ވަހެވެ.

ފިރިމީހާގެ ވަގު ލޯބިވެރިޔާ އަކީ ކާކުކަން އެނގުމުން އަހަރެން އެންމެ ފުރަތަމަ ވެސް ގުޅީ ފަހަރި އަށެވެ. އެ ވާހަކަ ކިޔައިދޭނެ އިތުރު މީހަކު ނެތީމަ އެވެ. އެކަމަކު ވެސް އެ ވާހަކަ މީހަކާ ހިއްސާ ނުކޮށް ހުރެވެން ނެތީމަ އެވެ.

އަހަރެންގެ ބުނެގެން ފަހަރި ޖެހިގެން އައި ރޭ އަހަރެމެންގެ އަށް އައެވެ. ރޭގަނޑު ގަޑީގައި ފިރިމީހާ ގޭގައި ނޫޅޭތީ ކޮންމެ މީހަކާ އެކު ކޮންމެ ފަދަ ވާހަކައެއް ދެއްކުމުގެ މިނިވަންކަން ވެސް އަހަންނަށް އޮވެ އެވެ. ފަހަރިއާ ދިމާވުމުން އަހަރެންގެ ޒަމާންވީ އެކުވެރިޔާއާ ދިމާލަށް ވަރަށް އެއްޗެހިކީމެވެ. އޭނާ އަށް ގުޅަން ވެސް އުޅުނީމެވެ. އަހަރެން އުޅުނީ ރަނގަޅަށް ބަވާލާށެވެ. ނަމަވެސް ފަހަރި އަހަރެން ހިފެހެއްޓީ އެވެ. އެއީ އަހަރެން ސިފަކޮށްދިން އަންހެން ކުއްޖާގެ ސިފަ، ފަހަރި އަށް އަހަރެންގެ ފިރިމީހާއާ އެކު ފެނުނު އަންހެން ކުއްޖާގެ ސިފައާ ދިމާނުވި ހިސާބުންނެވެ.

ފޭސްބުކަށް ވަދެ ފްރެންޑުންގެ ލިސްޓް އަހަރެން ހާވަން ފެށީމެވެ. ފިރިމީހާގެ އޭޖެންސީގައި ވަޒީފާ އަދާކުރާ އަހަރެންގެ އެކުވެރިޔާގެ ފްރޮފައިލް ހޯދައިގެން އެއަށް ކްލިކްކޮށްލިއިރު އަހަރެންގެ ހިތް ހީވަނީ މޭގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ.

އޭނާގެ ފޮޓޯ ދެއްކުމުން ފަހަރި ހޫރާލީ ބޮލެވެ. އަަހަރެންގެ ފިރިމީހާއާ އެކު ސައިކަލް ބުރު ޖަހަން ދަނީ އަހަރެންގެ އެކުވެރިޔާ ނޫންކަން އެ ހިސާބުން ޔަގީންވި އެވެ.

އެ ރޭ ފެނުނު އަންހެނާގެ ސިފަ ފަހަރި އަހަންނަށް ކިޔައިދިނެވެ. ނަމަވެސް އެ ސިފަތަކާ އެކު އިތުރު އެކުވެރިއެއް ނުވަތަ އެހެން މީހެއްގެ ނަމެއް ވެސް އަހަރެންގެ ސިކުނޑިއަކަށް ނޭރި އެވެ. އެ އަންހެން މީހާގެ ސިފަ އަހަންނަށް ފެނުނީ އޭގެ ދެ ތިން ހަފުތާ ފަހުންނެވެ. އަހަރެންގެ ފޯނަށް އަންނަކީ ކޯލެކެވެ. ކުރީގެ ފިރިހެން ރައްޓެއްސެކެވެ.

އަހަރެންނާ ހެދި މޮޔަވެގެން އެއް އިރެއްގައި އުޅުނު މީހެކެވެ. އޭނާ އަހަންނަށް ގުޅައިގެން ދޭތެރެޖެއްސީއެއް ނޫނެވެ.

އަހަރެންގެ ފިރިމީހާ އެހެން އަންހެނަކާ އެކު ރެސްޓޯރެންޓެއްގައި އިންދައި ފެނިގެން އެ ވާހަކަ ބުނެލީ އެވެ. އެއީ ދޭތެރެޖެއްސުން ކަމަށް ވިޔަސް އަހަންނަށް ވަރިހަމަ އެވެ. އަހަރެން ސިންގަލްވީ ކަމަށް ހީކޮށް އެ ރޭ އެ ފިރިހެން މީހާ އަހަންނަށް ނުގުޅި ނަމަ އަހަރެންގެ ފިރިހެނުންގެ ވަގު ލޯބިވެރިޔާ އަކީ ކާކުކަމެއް ފަހަރެއްގައި އަހަންނަކަށް ދުވަހަކު ވެސް ނޭނގޭނެ އެވެ.

އެ ދެ މީހުން ތިބި ރެސްޓޯރެންޓަށް އަހަރެން ދިޔައީ ޓެކްސީއެއްގަ އެވެ. ޓެކްސީން ފައިބައިގެން އެތެރެއަށް ވަންތަނުން އަހަންނަށް ރޮވިއްޖެ އެވެ. އެ ދެ މީހުން ތިބީ މާކަ އެތެރޭގައެއް ވެސް ނޫނެވެ. މަޑުމަޑުން ގޮސް އަހަރެން އެ ދެ މީހުންގެ މޭޒު ކައިރީގައި މަޑުކޮށްލީމެވެ. ފިރިމީހާ އަށް އެކަން ވަހުމްވީ އިރުކޮޅަކުންނެވެ. އެ ވަގުތު ތެޅިގަތުމުން އޭނާ އަތުން ޖެހިފައި ކައިރީގައި ހުރި ބިއްލޫރި ތައްޓެއް ވެސް ބިން މައްޗަށް ވެއްޓި ތެޅުނީ އެވެ. އަންހެން ކުއްޖާގެ ސިފައަށް އަހަރެން ނިކަން ރަނގަޅަށް ބެލީމެވެ. އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަހަރެންގެ އެތެރޭގައި އޭރު ވަނީ އަލިފާން ރޯވެފަ އެވެ. އެކަމަކު ވެސް ކެތްކޮށްލައިގެން ހުރީ އެވެ. ނަމަވެސް ބޭރަށް ނުކުތުމުގެ ކުރިން އެ އަންހެނާގެ ގައިން އަހަރެން ވަސް ބަލާލީމެވެ. އަހަރެން އޭނާ ގާތަށް ޖެހިލުމުން ފިރިމީހާ އޭނާގެ ގޮނޑިން ތެދުވީ އެވެ.

އަންހެން ކުއްޖާގެ ގައިން އަހަރެން ވަސް ބެލީ ގަދަކަމުންނެވެ. ރުޅިއައިސްގެން ތެދުވެ އެ އަންހެން ކުއްޖާ އަހަރެން ކޮއްޕާލީ އެވެ. އޭރު އެންމެން ވެސް ތިބީ ޑްރާމާ ބަލަން އެމީހުންގެ ގޮނޑިތަކުން ތެދުވިފަ އެވެ. ޑިޒަޔާ ސެންޓްގެ ވަހުން ހިތްފުރާލައިގެން އަހަރެން ބޭރަށް ނުކުމެ އަނެއްކާވެސް ޓެކްސީއެއްގައި ގެއަށް އައީ އެވެ.

ފިރިމީހާ އެ ރޭ ގެއަށް އައީ އެހެން ރޭތަކަށް ވުރެ ވެސް ލަހުންނެވެ. އޭރު ފަތިސްވެއްޖެ އެވެ. އިރު އެރިއިރު އަހަރެން އޮތީ ތަޅުންގަނޑު މައްޗަށް ދެމިފަ އެވެ. ޒުވާބެއް ހޫނުވެގެން ގޮސް އޭނާ އަހަންނަށް ހަމަލާ ދިނީ އެވެ. ހޭލެވުނުއިރު ދަރިފުޅު ރޮނީ އެވެ.

އަދިވެސް މި އުޅެނީ މި ހާލެއްގަ އެވެ. ފިރިމީހާ އުޅެނީ އަދިވެސް އެގޮތަށެވެ. ކުރިއަށް ވުރެ މިހާރު ކަންތައް ބޮޑެވެ.

މިހާރު އުޅެނީ ވަގަކަށް ނޫނެވެ. ފާޅުގަ އެވެ. އަހަރެންގެ ވަރުން އަހަރެން ކޮންމެ ރެއަކު ވެސް އޭނާއާ ކުރިމަތިލަމެވެ.

ބައެއް ދުވަސް ދުވަހު އެ އަންހެން ކުއްޖާ އަށް ވެސް ގުޅައިގެން އެއްޗެހި ގޮވަމެވެ. އެއް ދުވަހަކު މަގުމަތިން ފެނިގެން ތަޅައިވެސް ގަތީމެވެ. އެ ދުވަހު ވެސް ފިރިމީހާގެ ވަރު ބޭލީ އަހަންނަށެވެ. އެންމެވެސް ބުނަނީ ވަރިވާން އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށެވެ. ނަމަވެސް އޭރުން މި ތުއްތު ދަރިފުޅުގެ މުސްތަގުބަލަށް ދެން ވާނީ ކިހިނެތްް ހެއްޔެވެ؟ ކެތްކޮށްލައިގެން މި ހުންނަނީ އެހެންވެގެންނެވެ.