ޓީވީ ސީރީޒް

ބިގް ބޭންގް ތިއަރީއަށް ވެސް ނިމުން އަންނަނީ

ކާމިޔާބު 11 ސީޒަނެއް ގެނެސްދީފައިވާ އެމެރިކަން ސިޓްކޮމް ސީރީޒް "ބިގް ބޭންގް ތިއަރީ"، 12 ވަނަ ސީޒަނަށްފަހު އެއްކޮށް ނިންމާލަން ނިންމައިފި އެވެ.

މި ސީރީޒް ގެނެސްދޭ ވޯނާ ބްރަދާސް ޓެލެވިޜަން އަދި ޗެނަލް ސީބީއެސް އާއި ހަވާލާދީ ސީއެންއެން އިން ވަނީ މި ހަބަރު
ކަށަވަރުކޮށްދީފަ އެވެ.

މުހިންމު ރޯލުތަކުން ޖިމް ޕާސަންސް، ޖޯނީ ގެލޭކީ، ކެލީ ކުއޯކޯ، ސައިމަން ހެލްބާގް އަދި ކުނާލް ނައްޔާރު ފެނިގެންދާ މި ސީރީޒްގެ 279 އެޕިސޯޑެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. އަދި މިއީ އެންމެ ގިނަ އަހަރުވަންދެން މެދުކެނޑުމެއް ނެގި ދައްކަމުން އަންނަ ސިޓްކޮމް ސީރީޒް އެވެ.

އެންމެފަހު ސީޒަނަށް ވާނެ، 12 ވަނަ ސީޒަން ދައްކަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހު 24 ގަ އެވެ. ސީރީޒް އެއްކޮށް ނިންމާލާނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ.