ދުނިޔެ

އެމެރިކާއިން ފަލަސްތީނަށް ދޭ 200 މިލިއަން ޑޮލަރުގެ އެހީ ކަނޑާލައިފި

Aug 25, 2018

ވޮޝިންގްޓަން (އޯގަސްޓް 24) - ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ ޔޫއެންއާރްޑަބްލިއުއޭ އަށް ދޭ އެހީގެ ބޮޑުބައެއް ކުޑަކޮށްފައިވަނިކޮށް، ފަލަސްތީނު ރައްޔިތުންނަށް ދޭ 200 މިލިއަން ޑޮލަރުގެ އެހީ އެމެރިކާ އިން ކަނޑާލައިފި އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުގައި، އިޒްރޭލުން ވެރިވެގެންފައިވާ ޣައްޒާ އަދި ވެސްޓް ބޭންކަށް އެމެރިކާއިން ދެމުންގެންދާ އެހީ، އެހެން މުހިންމު ދިމަދިމާލަށް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވާފައިވާ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް 166 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

އިޒްރޭލުން މިހާރު ވެސް، ޣައްޒާއަށް ލިބޭ އެހީ ހިފަހައްޓާފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ މި ނިންމުމަކީ ސީދާ ސިޔާސީ ބޭނުމަށް، ހާލުގައިޖެހިފައިވާ އެތަކެއް މިލިއަން ފަލަސްތީނު މީހުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ހައްގުތަކާއިބެހޭ ޖަމާއަތްތަކުން ވަނީ ސިފަކޮށްފަ އެވެ.