މަގޭ ދަރި ހީވަނީ މަގޭ މަންމަހެންނޭ ނުވަތަ ބައްޕަހެންނޭ ބުނާއިރު ވަރަށް ގިނައިން އިވެ އެވެ. މިހާރުގެ ކުދިން އެ ކުދިން މައިންބަފައިންނަށް ވުރެ އިސްކޮޅުން ދިގުވުމަކީ އާންމު ކަމެކެވެ. ބައެއް ކުދިން އިސްކޮޅުން ދިގުވަނީ ވަރަށް ޅަ އުމުރެއްގަ އެވެ. އަނެއްބައި ކުދިން ފުރާވަރަށް އަޅާ ފަހުން ކުއްލިއަކަށް އިސްކޮޅުން ދިގުވެ އެވެ. މި ހުރިހާ ކަމެއް ގުޅިފައި ވަނީ ޖެނެޓިކްސްއާ އެވެ.
މިހާރުގެ ކުދިން ތިބެނީ އުމުރަށް ވުރެ ބޮޑުކޮށް ކަމަށް ވެސް ހީވެ އެވެ. އެހެން ވެދާނެ އެވެ. އެކި ޖީލުތަކުގެ ހެދިބޮޑުވުމުގައި ތަފާތު ހުރެ އެވެ. އެއީ މީހުންގެ ދިރިއުޅުމާއި ވައްޓަފާޅީގެ މައްޗަށް ވެސް ބިނާވާ ކަމެކެވެ.
ދަރިފުޅު ބޮޑުވުމުން އޭނާގެ އިސްކޮޅުގައި ހުންނާނީ ކިހާ ދިގުމިނެއްތޯ ލަފާކޮށްލަން ޝައުގުވެރިއެއް ނުވޭ ހެއްޔެވެ؟ މި ކިޔައިދެނީ މަޝްހޫރު މެޑިކަލް ރީސާޗް ގްރޫޕް މާޔޯ ކްލިނިކް އިން މިކަމުގައި ކޮށްފައިވާ ދިރާސާއެއްގެ ވާހަކަ އެވެ. ދަރިފުޅުގެ އިސްކޮޅު ލަފާކޮށްލަން ހިނގާށެވެ. ވަރަށް ފަސޭހަ ފޯމިއުލާތައް އެބަހުއްޓެވެ.
މި ހިސާބުން އަންނަ އަދަދަކީ ދަރިފުޅުގެ ލަފާކުރެވޭ އިސްކޮޅެވެ. އެކަމަކު ހަތަރު އިންޗި ދިގު ނުވަތަ ކުރު ވެދާނެ އެވެ. އެވަރުގެ ތަފާތެއް އަޔަސް އިސްކޮޅު ލަފާކޮށްލެވޭނެތާ އެވެ.
ދަރިފުޅުގެ އިސްކޮޅު ލަފާކުރާ އަނެއް ގޮތެއް ކަމަށް މާޔޯ ކްލިނިކުން ބުނަނީ މިގޮތެވެ؛
ފިރިހެން ކުއްޖެއް ނަމަ އޭނާގެ އުމުރުުން ދެ އަހަރުގައި ހުންނަ އިސްކޮޅުގެ ދެ ގުނަ އަކީ އޭނާ ބޮޑުވުން ހުންނާނެ އިސްކޮޅު ކަމަށެވެ. އަންހެން ކުއްޖެއް ނަމަ އުމުރުން ދޮޅު އަަހަރުގައި ހުންނަ އިސްކޮޅުގެ ދެ ގުނަ އެވެ.
މިގޮތަށް އިސްކޮޅު ދިމާވާނީ ދަރިފުޅު އެކަށީގެންވާ ސިއްހަތެއްގައި ހެދިބޮޑުވަމުން އަންނަ ނަމަ އެވެ. ދަރިފުޅުގެ ބަރުދަނާއި އިސްކޮޅު އުމުރާ އެކަށީގެންވާ މިންވަރެއްގައި ހުރޭތޯ އަބަދުވެސް ބަލަން ވާނެ އެވެ. ހެދިބޮޑުވުމުގައި އުނިކަމެއް އުޅޭ ކަމަށް ބެލެވޭ ނަމަ ސިއްހީ ލަފާ ހޯދަން ޖެހޭނެ އެވެ. އެހެންވެ މިހާ ހިސާބުން ދެން ބަލަންވީ ކުޑަ ދަރިފުޅުގެ އުމުރާ އިސްކޮޅާ ދިމާވޭތޯ އެވެ. އުމުރާއި ބަރުދަން ދިމާވޭތޯ އެވެ.
ފިރިހެން ކުއްޖެއް ނަމަ އުފަންވާއިރު ބަރުދަނުގައި 3.03 އާއި 3.8 ކިލޯގްރާގް ހުންނަން ޖެހެ އެވެ. އެ ބަރުދަނުގައި 19.1 އާއި 20.1 އިންޗިއާ ދެމެދުގެ އިސްކޮޅެއް ހުންނަން ޖެހެ އެވެ. އަންހެން ކުއްޖަކު އުފަންވާއިރު 2.9 އާއި 3.5 ކިލޯގްރާމްއާ ދެމެދު މިންވަރެއްގައި ހުންނަން ޖެހެ އެވެ. އިސްކޮޅުގައި 18.9 އާއި 19.8 އިންޗިއާ ދެމެދުގެ މިންވަރެއް ހުންނަން ޖެހެ އެވެ.
ތިން މަސް ވާއިރު ފިރިހެން ކުއްޖެއްގެ އިސްކޮޅުގައި 23.6 އިންޗި އާއި 24.7 އިންޗިއާ ދެމެދު ހުންނަން ޖެހެ އެވެ. މި އުމުރުގެ އަންހެން ކުއްޖެއް ނަމަ 23 އިންޗި އާއި 24.1 އިންޗިއާ ދެމެދުގެ މިންވަރެކެވެ.
އުމުރުން އަހަރު ވާއިރު ފިރިހެން ކުއްޖެއް ނަމަ އިސްކޮޅުގައި 29.2-30.5 އިންޗި ހުންނަން ޖެހެ އެވެ. އަންހެން ކުއްޖެއް ނަމަ 28.5-29.8 އިންޗި ހުންނަން ޖެހެ އެވެ. އަދި ދެ އަހަރު ވާއިރު ފިރިހެން ކުއްޖެއްގެ އިސްކޮޅުގައި 33.8-35.4 އިންޗި ހުންނަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އަންހެން ކުއްޖެއް ނަމަ 33.2-34.9 އިންޗި ހުންނަން ޖެހެ އެވެ.
މިއީ އާންމު ގޮތެއްގައި ބަލާ މިންގަނޑު ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުދިންގެ އިސްކޮޅާއި ބަރުދަން އެކި އުމުރުގައި ހުންނަ މިންވަރުގައި ފަރަގު ހުންނަކަން ފާހަގަކޮށްލަން ޖެހެ އެވެ. އެހެންވެ ދަރިފުޅުގެ އުމުރާ އެކަށީގެންވާ ވަރަށް އިސްކޮޅާއި ބަރުދަން ހުރޭތޯ ބެލުމަށް ސިއްހީ ތަޖުރިބާކާރެއްގެ ލަފާ ހޯދާށެވެ.