ހަބަރު

ރޭގެ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު

ރޭ މާލޭގައި ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

ރޭ މާލޭގައި މާރާމާރީއެއް ހިންގާފައިވަނީ އިސްކަންދަރު ސްކޫލް ކައިރީގަ އެވެ. އެ މާރާމާރީގައި 24 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެ އައިޖީއެމްއެޗަށް އަވަސް ފަރުވާއަށް ގެންދިޔަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ރޭގެ މާރާމާރީގައި ގެނައި ޒުވާނާގެ ހަށިގަނޑުގައި އެކި ވަރުގެ ޒަހަމްތައް ހުރި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެ ޒުވާނާއަށް ފަރުވާ ދިނުމަށްފަހު އިންސްޕެކްޝަންގައި މިއަދު ހެނދުނާ ހަމައަށް ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރާމާރީގެ މައްސަލަތައް މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. ރޭ ލ ގަމުގައި ވެސް މާރާމާރީއެއް ހިނގައި ތިން މީހަކަށް އަނިޔާ ވިއެވެ. ނަމަވެސް އެ މީހުންގެ ހާލު ރަނގަޅެވެ.