ކުޅިވަރު

ސިޓީ އެއްވަރުވުމުގެ ފައިދާނަގައި ލިވަޕޫލް އެއް ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ވުލްވާހެމްޓަން ވޮންޑަރާސް އެފްސީ (ވުލްވްސް) ޗެމްޕިއަން މެންޗެސްޓާ ސިޓީއާ 1-1ން އެއްވަރު ކުރުމުން، ލިވަޕޫލުން އޭގެ ފައިދާ ނަގައި ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ބްރައިޓަން ހަވް އެންޑް އެލްބިއަންއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 1-0 ން ނެވެ.

އެފްސީ ޕޯޓޯގެ ކުރީގެ ކޯޗް ނޫނޯ އެސްޕްރީޓޯ ސަންޓޯ ކޯޗް ކޮށްދޭ ވުލްވްސް އިން ސިޓީއާ ދެކޮޅަށް ކުޅުނީ ތަފާތު ރޫހެއްގަ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ވުލްވްސް އިންނެވެ. މެޗުގެ ފަހު ކަށިގަނޑަށް ފަހު އެ ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެ ކުޅުންތެރިންނަށް ހީވީ މޮޅެއް ލިބުނުހެންނެވެ.

ޕެޕް ގާޑިއޯލާގެ ޓީމުން ވަނީ 79 ޕަސަންޓް ބޯޅަ ޕޮޒެޝަން ކޮންޓްރޯލް ކޮށްފަ އެވެ. ވުލްވްސްގެ ކުޅުމަށް ބަލާއިރު އެޓީމުން ބަސް ޕާކު ކުރިކަމަށް ބުނެވޭކަށް ނެތެވެ. ރަނގަޅު ވަގުތުތަކުގައި އެޓީމުން ވަނީ ބޯޅަ ކުރިއަށް ކުޅެފަ އެވެ.

ވުލްވްސްއަށް މެޗުގެ 57 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ، ވިލީ ބޮލީ އެވެ. ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އައިރެމިކް ލަޕޯޓޭ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނެޓްގަ އެވެ.

ބްރައިޓަންއާ ދެކޮޅަށް ލިވަޕޫލްގެ ތަރިއަކަށްވީ ގޯލްކީޕަރު އެލިސަން ބެކާ އެވެ. އޭނާ ވަނީ ބްރައިޓަންގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. މެޗުގައި ލިވަޕޫލްގެ ލަނޑު 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކު އެވެ. ލިވަޕޫލަށް ނުވަ ޕޮއިންޓެވެ. ސިޓީއަށް ހަތް ޕޮއިންޓެވެ.

ރޭ ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗު، 3-1 ން ކާމިޔާބު ކޮށް އާސެނަލް ވަނީ ފުރަތަމަ މޮޅު ހޯދާފަ އެވެ.