ހޮލީވުޑް

ގާޑިއަންސް އޮފް ދި ގެލެކްސީގެ މަސައްކަތް މެދުކަނޑާލައިފި

މާވެލް ސްޓޫޑިއޯ އާއި ވޯލްޓް ޑިޒްނީ ގުޅިގެން ގެނެސްދޭ ފިލްމު "ގާޑިއަންސް އޮފް ދި ގެލެކްސީ ވޮލިއުމް ތްރީ" ގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެފި އެވެ. ފިލްމުގެ މަސައްކަތް މެދުކަނޑާލަން މި ނިންމީ، ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަނިކޮށް ކަމުގައިވެ އެވެ.

މި ފިލްމުގެ މަސައްކަތް މެދުކަނޑާލަންޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ގަން އެވެ. ބޮޑު ކާމިޔާބީއެއް ހޯދި މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމުވެސް ޑައިރެކްޓުކުރި ޖޭމްސް ވަނީ، ބޭއަދަބީ ޓުވީޓުތަކެއް ކުރުމާއި ގުޅިގެން ތިން ވަނަ ފިލްމުން ބޭރުކޮށްލާފަ އެވެ.

ފިލްމުން ބޭރުކޮށްލުމުގެ ކުރިން ޖޭމްސް އޮތީ ތިން ވަނަ ފިލްމުގެ ސްކްރިޕްޓުވެސް ލިޔެ ނިންމާފަ އެވެ. ނަމަވެސް ހޮލީވުޑް ރިޕޯޓާގައި ބުނެފައިވާ ގޮތުން އެ ފިލްމު ތައްޔާރުކުރުމަށް އޭނާގެ ސްކްރިޕްޓު ދެން ބޭނުންކުރާނެހެން ހިއެއްނުވެ އެވެ. އަދި މަސައްކަތް މެދުކަނޑާލީވެސް ސްކްރިޕްޓު ބަދަލުކުރުމަށް ކަމުގައި ކަމަށް ބެލެވޭ ކަމަށެވެ.

"ގާޑިއަންސް އޮފް ދި ގެލެކްސީ" ގެ ޓްރެއިލާ.

އެ ފިލްމުން ޖޭމްސް ބޭރުކޮށްލުމާއެކު ގިނަ ފަންނާނުންތަކެއް ވަނީ ޖޭމްސްއަށް އަނެއްކާވެސް ފުރުސަތެއް ދިނުމަށް ގޮވާލާފަ އެވެ. ޖޭމްސް އަނބުރާ ގެނައުމަށް ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިންވެސް ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް ހުށަހަޅާފަ އެވެ. ޖޭމްސް ވަނީ އެ ޓުވީޓުތަކާއި ގުޅިގެން މައާފަށްވެސް އެދިފަ އެވެ.

ނަމަވެސް ޑިޒްނީއިން ޖޭމްސް އަނބުރާ ގެނައުމުގެ ހިޔާލެއް ނުގެންގުޅެ އެވެ. އަދި ފިލްމަށް އާ ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތްވެސް އެމީހުން ވަނީ ފަށާފަ އެވެ.