އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާނުލާން ދެ ގައުމުން އެއްބަސްވެފައިވާކަމަށް އިންޑިއާގެ އިސް އޮފިޝަލަކާއި ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފި އެވެ.
އައްޑޫ އަދި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދަން ދިވެހި ސަރުކާރުން ވަނީ އަންގާފަ އެވެ.
އެ ދެ ހެލިކަޕްޓަރާ ގުޅޭ ގޮތުން އެމްއެންޑީއެފް އާއި އިންޑިއާ ސިފައިންނާއެކު ހަދާފައިވާ އެއްބަސްވުން ދާދި ފަހުން ހަމަވެފައިވާއިރު އެ އެއްބަސްވުން އާ ނުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކޮންމެ ހެލިކޮޕްޓަރަކާއެކު ޕައިލަޓުންނާއި ޓެކްނީޝަނުންގެ ގޮތުގައި ގާތްގަނޑަކަށް އިންޑިއާގެ 48 ކްރުން ތިބޭއިރު، އެ މީހުންގެ ވިސާ އާކޮށްދޭން ވެސް ދިވެހި ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ މީހުންގެ ވިސާ ހަމަވެފައިވަނީ މިދިޔަ މެއި މަހު އެވެ.
ނަމަވެސް، އެއަށްފަހު އިންޑިއާ ސަރުކާރުގެ އެދުމުގެމަތިން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ދިން މުހުލަތު އިތުރުކުރިކަމަށް ބައެއް ރަސްމީ މަސްދަރުތަކުން ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ދެފަރާތުން ބޭއްވި މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، މި ވަގުތައް ހެލިކޮޕްޓަރުތައް ފޮނުވާނުލާން ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް، އިންޑިއާ ސިފައިންގެ އިސް އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ" ގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ހެލިކޮޕްޓަރުތަކާއި އެކު ރާއްޖޭގައި ތިބި އިންޑިއާ ކްރޫގެ ވިސާ ވެސް މިހާރު އާކޮށްދޭން ދިވެހި ސަރުކާރުން އެއްބަސްވެފައިވާކަމަށް ވެސް އެ އޮފިޝަލު ބުނެފައިވެ އެވެ.
ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހިކޮށް ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް ހެދި ހިސާބުން އިންޑިއާއާއެކު އޮތް ގުޅުމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ރާއްޖޭގެ މުހިންމު ދެ ސަރަހައްދެއްގައި ހެލިކަޕްޓަރު ބާއްވަން އިންޑިއާއިން ބޭނުންވި ނަމަވެސް ސަރުކާރުން އެކަމަށް ދެކޮޅު ހަދަމުން ދަނީ އެ ދެ ހެލިކަޕްޓަރުގެ ބަދަލުގައި ބޭނުން ވަނީ ސާވައިލަންސް އެއާކްރާފްޓެއް ކަމަށް ބުނެ އެވެ.
ނަމަވެސް، މަތިންދާބޯޓެއް ހަދިޔާ ކުރުމާއި ގުޅޭގޮތުން އިންޑިއާ އިން ހުށަހެޅި ހުށަހެޅުމަށް ވެސް، ދިވެހި ސަރުކާރުން ޖަވާބެއް ދީފައިނުވާ ކަމަށް އިންޑިއާގެ އޮފިޝަލުން މީގެ ކުރީގައި ވަނީ ވިދާޅުވެފަ އެވެ.