ޓީވީ ސީރީޒް

ގޭމް އޮފް ތުރޯންސް ފަހު ސީޒަންގެ ފުޓޭޖެއް އާންމުކޮށްފި

އެޗްބީއޯއިން ކުރިއަށް ގެނެސްދޭން ހުރި ސީރީޒްތަކުގެ ސްނީކް ޕީކް ވީޑިއޯ.

އެޗްބީއޯއިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ސީރީޒްތަކުގެ ސްނީކް ޕީކް ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި މިހާރު އެންމެ އިންތިޒާރުކުރެވެމުން އަންނަ އެ ނެޓްވޯކްގެ ސީރީޒް ކަމުގައިވާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން، ސީޒަން އަށެއްގެ ކުޑަ ފުޓޭޖެއްވެސް ވަނީ ހިމަނާފަ އެވެ.

އެ ސީރީޒްގެ އިތުރުން "ބިގް ލިޓްލް ލައިސް"، "ދި ޑިއުސް" އަދި "ޓްރޫ ޑިޓެކްޓީވް" ފަދަ ސީޒީޒްތަކުގެ ފުޓޭޖުތައްވެސް މި ސްނީކް ޕީކްގެ ވީޑިއޯގައި ހިމަނާފައިވެ އެވެ. ސީރީޒްތަކުގެ އިތުރުން އެ ނެޓްވޯކުން ގެނެސްދޭ ބައެއް ޑޮކިއުމެންޓްރީތަކާއި ރިއަލިޓީ ޝޯތަކުގެ ފުޓޭޖުތައްވެސް ހިމަނާފައިވެ އެވެ.

"ގޭމް އޮފް ތުރޯންސް" ފަހު ސީޒަންގެ ފުޓޭޖެއް ދައްކާލާފައި ވަނީ ކުޑަ ހިނދުކޮޅަކަށެވެ. އެ ފުޓޭޖުގައި ފެންނަނީ ޖޮން ސްނޯ އާއި ސަންސާ ސްޓާކް ބައްދާލާ މަންޒަރެވެ. ދެން ހިމަނާފައި ވަނީ އެންމެފަހުން ގެނެސްދިން އެ ސީރީޒްގެ ހަތް ވަނަ ސީޒަންގެ ފުޓޭޖުތަކެކެވެ.

ފަހުން ސީޒަން ފަށާނީ އަންނަ އަހަރު މެދުތެރޭގައި

"ގޭމް އޮފް ތުރޯންސް" ފަހު ސީޒަން ގެނެސްދޭނީ އަންނަ އަހަރު ކުރީ ކޮޅުގައި ކަމަށް މީގެ ކުރިން އެޗްބީއޯއިން ވަނީ ބުނެފަ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް މިހާރު ބުނާގޮތުން ފަހުން ސީޒަން ދައްކަން ފަށާނީ އަންނަ އަހަރު މެދުތެރޭގަ އެވެ. އަހަރުގެ މެދު ތެރޭގައި ފަހު ސީޒަން ދައްކައިފިނަމަ މި ސީރީޒަށް އެމެރިކާގެ އެންމެ ފަހުރުވެރި ޓީވީ އެވޯޑްސް، އެމީ އެވޯޑްސްގައި ވާދަކުރެވޭނީ 2020 ވަނަ އަހަރު އެވެ.

ފަހު ސީޒަންގައި ހިމެނެނީ އެންމެ ހަ އެޕިސޯޑެވެ. އެހެން ނަމަވެސް ކުރީގެ ސީޒަންތަކާއި ހިލާފަށް އެޕިސޯޑުތަކުގެ ދިގުމިން އިތުރުވާނެ އެވެ.