ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕަށް ލަންކާ ޓީމު ބަންގާޅަށް ހިނގައްޖެ

އަންނަ އަންގާރަ ދުވަހު، ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕުގައި ވާދަ ކުރާ އަވަށްޓެރި ޝްރީލަންކާގެ ޓީމު މިއަދު ބަންގުލަދޭޝް އަށް ހިނގައްޖެ އެވެ.

ޖަޕާނާއި ދެކުނު ކޮރެއާގައި ކުރިއަށް ދިޔަ ޓްރެއިނިން ޕްރޮގްރާމަށް ފަހު، ބަނަގުލަދޭޝްގެ ފައިނަލު 20 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ހިމެނެނީ ރާއްޖެ އާއި ޗެމްޕިއަން އިންޑިއާ އާއެކު ގުރޫޕް ބީ ގަ އެވެ. ލަންކާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ލަންކާ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ހަތް ވަނަ ދުވަހު އެވެ. ކުރިން ރާއްޖޭގެ ކުލަބުތަކަށް ކުޅުނު، ލަންކާގެ ގައުމީ ކޯޗް ފަކީރު އަލީ ކުރިން ބުނެފައި ވަނީ އޭނާގެ އަމާޒަކީ ރާއްޖެއަތުން ޕޮއިންޓެއް ހޯދުން ކަމަށެވެ.

ރާއްޖެއިން ދަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ޓްރެއިނިން ކުރިއަށް ގެންދަމުންނެވެ. ރާއްޖޭގެ 20 ކުޅުންތެރިންގެ ފައިނަލު ސްކޮޑު އިއުލާން ކުރުމަށްފަހު ބަންގުލަދޭޝްއަށް ދާނީ އަންނަ އާދިއްތަ ދުވަހު އެވެ. ރާއްޖެއިން ވަނީ ގަތަރުގައި އެ ގައުމުގެ ދެ ވަނަ ޑިވިޝަންގެ ކުޔުލަބު އަލް މަރްހިއްޔާއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ރާއްޖެ ކާމިޔާބު ކުރީ 4-3 ން ނެވެ.

މިއަދު ޕާކިސްތާނާ ދެކޮޅަށް ރާއްޖެއިން ކުޅެން ހަމަޖެހިފައި އޮތް މެޗު ވަނީ ކެންސަލް ވެފަ އެވެ. އެއީ ގަތަރަށް އެތެރެވުމުގައި ޕާކިސްތާން ޓީމަށް މައްސަލަ ދިމާވުމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން، އިންޑިއާއިން ވަނީ އޮސްޓްރޭލިއާ އަށް ގޮސްފަ އެވެ. އެއީ އޮސްޓްރޭލިއާ އޭ ލީގް ޗެމްޕިއަން ސިޑްނީ އެފްސީއާ އާއި ރީޑަލް މިއާ ލަޔަންސް އެފްސީއާ ދެކޮޅަށް ޓްރެއިނިން މެޗުތަކެއް ކުޅުމަށެވެ.