ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕްގެ އަންނަ އަހަރުވެސް ބަންގާޅުގައި

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވަން، ޕާކިސްތާނަށް ކުރިން ދިން ފުރުސަތު އަތުލައި އަނެއްކާވެސް މުބާރާތް ބާއްވަން ބަނގުލަދޭޝް އަށް ފުރުސަތު ދީފި އެވެ.

ދެކުނު އޭޝިއާގެ ފުޓްބޯލް ފެޑްރޭޝަނުން އިއްޔަ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި ބައްދަލު ވުމުގައި ނިންމާފައި ވަނީ، ޕާކިސްތާންގެ ފުޓްބޯލައިގެ ހާލަތު އޮތް ގޮތުން އެ ފުރުސަތު އެ ގައުމު އަތުން ނަގައި ބަންގުލަދޭޝްގައި މުބާރާތް ބޭއްވުމަށެވެ.

ސާފް އުފައްދައި ބޭއްވި ފުރުތަމަ މުބާރާތް 1993 ގައި ބާއްވާފައި ވަނީ ޕާކިސްތާންގައެވެ. އޭގެ ފަހުން 2005 ވަނަ އަހަރުވެސް ޕާކިސްތާންގައި މުބާރާތް ބޭއްވި އެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްވެސް ބޭއްވީ ބަންގުލަދޭޝްގަ އެވެ. އެ ގައުމަށް އަނެއްކާވެސް ފުރުސަތު ދިން އިރު މިއީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އެއް ގައުމެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2003، 2009 މުބާރާތްވެސް ބޭއްވީ ބަންގާޅުގަ އެވެ.

ބަންގުލަދޭޝްގައި މީގެ ކުރިން ތިން ފަހަރަށް ވަނީ މުބާރާތް ބާއްވާފަ އެވެ. އިއްޔަ ބޭއްވި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ބަންގުލަދޭޝްގެ ކާޒީ އެމްޑީ ސަލާހް ދީނެވެ. އޭނާގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ސާފްގެ ޖެނަރަލް ސެކެޓްރީ ބަންގުލަދޭޝްގެ އަންވާރުލް ހައްގު، މެންބަރު ބަންގުލަދޭޝްގެ އަބޫނައީމް ޝޯހަގް އަދި ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑަރޭޝަންގެ އަންހެން ފުޓްބޯޅަ ވިންގުގެ ޗެއާޕާސަން މަހްފޫޒާ އަހްތަރަކީވެސް ބަނގުލަދޭޝްއަށް ނިސްބަތްވާ ފަރާތްތަކެވެ.

ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެފްއޭއެމްގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީ އަލީ އުމަރެވެ.

މިދިޔަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ކުރީ ދިވެހިރާއްޖެ އެވެ.