ހަބަރު

ރައީސްގެ ވައުދު: ގެޓްސެޓް ލޯނު ތިން ގުނަ ބޮޑުކޮށް، އޮޑި ބަންނަން ލުއި ލޯން

އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކަށް ހާއްސަކޮށް އެސްއެމްއީ ލޯން ސްކީމެއް ތައާރަފް ކުރާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވައުދުވެވަޑައިގެންފި އެވެ.

ރ. އަލިފުށި ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެސްއެމްއީ ލޯން ސްކީމެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށާއި އެ ލޯން ސްކީމަކީ އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފް ކުރާ ލޯނެއް ކަމަށެވެ. އަދި އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކުގެ ތެރެއިން ލޯން ދެއްކޭނެ ކަމުގެ ކެޕާސީޓި ހުރި ފަރާތްތަކަށް ބޭންކްތަކާއި ވާހަކަ ދައްކައިގެން ކުޑަ އިންޓަރެސްޓަކާއެކު ލޯން ދޫކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މި ލޯން ސްކީމްގެ ބޭނުމަކަށްވާނީ ހަގީގަތުގައިވެސް، އަލިފުށީގައި ދަންނަވާލަން ބޭނުންވަނީ މަސައްކަތްތެރި ރަށަކަށްވާތީވެ އަދި އަލިފުށީގެ ބައެއް ބޭފުޅުންނަކީ ބޯޓް ބިލްޑިން އިންޑަސްޓްރީގައި އުޅުއްވާ ބޭފުޅުންނަށްވާތީވެ އޭގެ ތެރޭގައި ލެޝާ ކްރާފްޓް، ޔޮޓް ފަހަރު އަދި މަސްވެރިކަމަށް ނިކުންނަ އުޅަނދު ފަހަރު އަދި ކަނޑު ދަތުރުފަހަރު ކުރާ އުޅަނދު ފަހަރު، ބަންނަން ނުވަތަ ބަންނަން ކެޕާސިޓީހުރި ރަށެއްމީ، ހަމަ ގައިމުވެސް އެފަންނުގެ ފަންނުވެރިން ތިބި ރަށެއްމީ، އެހެން ކަމުން މިފަދަ މީހުންނަށް ފައިސާ އަދާކުރެވޭނެކަމުގެ ގާބިލްކަން ހުރި މީހުންނަށް ބޭންކުތަކާއި ވާހަކަ ދައްކައިގެން އެސްއެމްއީ ލޯން ތައާރަފްކުރަނީ، މިހާރު ދެވޭ އިންޓަރެސްޓަށްވުރެ މާބޮޑުތަން ލުއިކޮށް މިފަދަ ފަރާތްތަކަށް އެސްއެމްއީ ލޯން ދެވޭނެ، މީގެ މަންފާވެރިންނަކަށް ވާނީ ދޯނި ފަހަރު އޮޑި ފަހަރު ބަންނަ ފަރާތްތަކަށް، އެހެން ކަމުން މި ސިނާއަތަކީ ކުރިއަށްދާނެ ސިނާއަތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް ޒުވާނުންގެ މަސައްކަތް ކުރިއެރުވުުގެ ގޮތުން ގެޓްސެޓް ލޯނެއް ތައާރަފް ކޮށްގެން ކުރިއަށް ގެންދާ ކަމަށާއި މި ގެޓްސެޓް ލޯން ތިން ގުނަ ބޮޑު ލޯނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެއީ މަސައްކަތް ކުރަން ނިކުންނަ ޒުވާނުންނަށް ހާއްސަކޮށް ގުޅިގެން އުފައްދާ ކުންފުނިތަކަށް އެލޯން ސްކީމުން ފައިދާ ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި 70،000 އަށްވުރެ ގިނަ ވަޒީފާ ފެނިގެން ގޮސްފި ކަމަށާއި ކުރީގައި ޒުވާނުން ކުށަށް އަރައިގެން ގޮތަށް މިއަދު ޒުވާނުން ކުށަށް އަރައިގަންނަތަން ނުފެންނާނެ ކަމަށެވެ.

"އެމީހުންނަށް އެބަ އިނގޭ އެމީހުންނަށް އުންމީދެއް އެބަ އޮތްކަން، އެމީހުންނަށް އިނގޭ އެމީހުން ވަޒީފާއެއް އަދާ ކުރަން ބޭނުންކަމަށް ވަންޏާ ކޮންމެސް ގޮތަކުން ރައީސް ޔާމީން ވަޒީފާ ހޯދައިދޭނެކަން، އެހެން ނަމަވެސް ވަޒީފާ އިތުރުކުރަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިފަހަރުގެ އަމާޒަކީ ފަސް އަހަރުގެ މުއްދަތު ނިމިގެންދާއިރު، 18 އަހަރުން މަތީގެ ކޮންމެ ކުއްޖަކީ ގެދޮރުވެރި ކުއްޖަކަށް ހަދައިދީ ވަޒީފާއެއްގައި އުޅޭ ކުއްޖަކަށް ހަދައިދޭނެ ކަމަށެވެ. އަދި 18 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް ވަޒީފާ ލިބޭނެ ކަމަށާއި އެކަން ކުރާނެ ގޮތް ކިޔައިދެމުން ގެންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމާއި ގުޅޭ ވައުދުތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރަތަކުންވެސް މަސްވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށް ނުދެވޭ ކަމަށާއި ނަމަވެސް މިސަރުކާރުން މަސްވެރިންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ކޮށްދޭން މަސައްކަތް ކޮށްދީފި ކަމަށެވެ.

"އަޅުގަނޑުމެން މަސް ބަންދު ކުރާ ކާރުހާނާ ކެޕާސިޓީ އިތުރުކޮށްފިން، 30 ޓަނުން 50 ޓަނަށް ބަދަލު ކޮށްފިން، އައިސް ޕްލާންޓްތައް ގާއިމް ކޮށްފިން، އަދި ހާއްސަކޮށް މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބުމަކީ އެންމެ ބޮޑު މައްސަލަ، އޭގެ ހައްލެއްވެސް އަޅުގަނޑުމެން ގެނެސްފީމް، ކުރިއަށް އޮތް ތަނުގައިވެސް މިދަނީ މަސްވެރިންނަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދައްކަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް ޑެބިޓް ކާޑް ބޭނުން ކޮށްފައިވާ ކަމަށާއި އެ ކާޓް ބޭނުންކޮށް މަސްވެރި ރަށްރަށުން ބޭނުންވާ ކަންކަން ފުދޭނެ ކަމަށެވެ. އަދި ރަށްރަށުގައި ހުންނަ ބޮޑެތި ފިހާރަތަކުންވެސް އެކާޑަކީ ބޭނުން ކުރެވޭނެ ކާޑެއް ކަމަށާއި އެކާޑް ބޭނުން ކޮށްގެން އެއްޗެހި ގަނެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ބޮޑު މަސައްކަތެއް ކުރާނީ މަސްވެރިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި މަސްވެރިކަމުގެ ސިނާއަތު މިއަދުގެ ވައްޓަފާޅިއަށް ބަދަލުކޮށް އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ.