ހަބަރު

އިބޫ އާއި ނަޝީދުއެކުގައި، ތާރީހީ ފޮޓޯތަކެއް!

ކޮލަންބޯއިން: ނާޒިމް ހަސަން
Aug 28, 2018
8

"ދިވެހި ރައްޔިތުންގެ ކަމެއްވެ އަހަރެން މި ތަނަށް އައިސް މިހުރީ،" ސިޔާސީ ހަރަކާތްތަކުގައި މާބޮޑަށް ބައިވެރިނުވާ އަބްދުލް ޖަލީލު
ބުންޏެވެ.

އިއްޔެ ސްރީލަންކާގައި އުޅޭ ދިވެހިންނަށް ލިބުނީ ވަރަށް ހާއްސަ ވަރަށް މުހިންމު ވަގުތުކޮޅެކެވެ. ހިތްތައް އުފާކޮށްލި އެމީހުންނަށް އެއީ ގައުމީ ކަމެކެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ހިމެނޭ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެއް ތަނަކުން ބައްދަލުވުން އެމީހުން ސިފަ ކުރީ ސިޔާސީ ކަމެއްގެ ގޮތުގައެއް ނޫނެވެ.

ލަންކާގެ ބާޖަޔާ ހޮޓެލްގައި އިއްޔެ ބޭއްވި ހޯލް މީހުން ފުރި އިށީންނާނެ ގޮނޑި މަދުވި އެވެ. ދުރު ހިސާބުތަކުން އުމުރުން ދުވަސްވީ މީހުން ވެސް ދިގު ދަތުރެއް ކުރުމަށްފަހު އެ ހޯލަށް އިއްޔެ އައެވެ. ޖަލްސާއަށްފަހު އިބޫ އާއި ނަޝީދު ހޯލުން ބޭރަށް ނުކުމެވަޑައިގަތުމުން ފެނުނީ ތަފާތު މަންޒަރެކެވެ.

އެ ދެ ބޭފުޅުންގެ ސެކިއުރިޓީންނަށް ޖެހުނީ ފޯނުތައް ހިފައިގެން "އަރައިގަންނަމުންދިޔަ" ސަޕޯޓަރުންތައް މައިތިރިކުރާށެވެ. ދެން ދަމާލީ ދިގު ކިޔުއެކެވެ. ކެއުމަށް ސަމާލުކަން ދިނުމަށްވުރެ މުހިންމީ ފޮޓޯއެކެވެ. އިބޫ އާއި ނަޝީދާއެކު ފޮޓޯ ނަގަން ދަމާލި ކިޔުގެ ދިގު ކަމުން އެ އެންމެންނާއެކު ފޮޓޯ ނަގައި އެ ދެ ބޭފުޅުންނަށް ނިންމާލެވުނީ ދޮޅުގަޑިއިރަށްވުރެ ވެސް ގިނަ އިރުންނެވެ.

ރައްޓެހިންނާއި އާއިލާ މެންބަރުންނާ ވެސް އެކު އެތަނަށް ގޮސް ހުރި އަބްދުލް ޖަލީލު ދެކޭ ގޮތުގައި އިބޫ އާއި ނަޝީދަށް އެހާ ތާއިދު ބޮޑުވެފައިވަނީ މިހާރުގެ ވެރިކަމާމެދު ރައްޔިތުންގެ އޮތް ހިތްހަމަ ނުޖެހުމުގެ ސަބަބުންނެވެ.

އާއިލާ އެންމެން ގޮވައިގެން އިބޫ އަދި ނަޝީދާއެކު ސެލްފީ ނެގުމަށްފަހު އެންމެންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އާދަޔާ ހިލާފު އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ. އެ ފޮޓޯއަށް ބަލަހައްޓައިގެން އެތައް އިރަކު ބައެއް މީހުން ތިބެން ވެސް ތިއްބެވެ. އެންމެން ވެސް ބުނަމުން ދިޔައީ ތާރީހީ ފޮޓޯއެއް ކަމަށެވެ.

"އަހަރެން ބޭނުންވީ ތާރީހީ ފޮޓޯއެއް ނަގަން، މި ފޮޓޯ ނުލިބޭނެ މާލެއިން ނަގާލާކަށް، އެހެންވެ މި ތަނަށް އައީ،" އެ ޖަލްސާއަށް އައި ޒުވާނަކު ފޮޓޯ ނެގުމަށްފަހު އޭނާގެ އުފާވެރިކަން ހިއްސާކުރި އެވެ.

ރައީސް ނަޝީދާއި ކެންޑިޑޭޓް އިބޫއާ ބައްދަލު ކުރެވޭނެ ހަމައެކަނި ޖަލްސާއަކީ އިއްޔެ ބޭއްވުނު ޖަލްސާއެވެ. އެ ޖަލްސާއަށް ލިބިގެން ދިޔަ ބޮޑު ތަރުހީބާއެކު އެމްޑީޕީއަށް ވެސް ވަނީ އާ ހިތްވަރެއް ލިބިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ރަށްރަށުން ފެނިގެން ދިޔަ މަންޒަރު އެއަށްވުރެ މާބޮޑުކޮށް ލަންކާއިން ފެނިގެން ގޮސްފައިވާ ކަމަށެވެ. ދުރު ހިސާބުތަކުން ހަމަ ސީދާ ޖަލްސާއަށް އެތައް ބަޔަކު އައުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ބޮޑު އަދަދުން ކޮލަންބޯގައި އުޅޭ ދިވެހިންގެ ވޯޓު އިބޫއަށް ލިބޭނެކަން ޔަގީންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގެ ހަރަކާތްތައް ލަންކާގައި ކޯޑިނޭޓް ކުރައްވާ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ތޯރިގު ވެސް ވިދާޅުވީ، ކޮލަންބޯގައި ދިރިއުޅޭ ވޯޓު ލެވޭ މީހުންގެ 70 ޕަސެންޓް އިބޫއަށް ލިބޭނެ ކަމަށެވެ. ސަރުކާރަށް 30 ޕަސެންޓް ނެގުނަސް އެއީ ވަރަށް ބޮޑު ވަރެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ މީހުން ޖަލްސާއަށް ގެނައީ މާބޮޑު މަސައްކަތްތަކެއް ކޮށްގެން ނޫނެވެ. އެމީހުން އައީ ހިތު ލޯބިންނެވެ. ޖަލްސާ އޮންނަކަން އަންގާލަން މެސެޖެއް ކުރުމުގެ އިތުރަށް މީހުން ގެންނަން އެހެން ކަމެއް ކޮށްފައިނުވާނެކަން ހިތްހަމަޖެހިފައިހުރި ތޯރިގު ވިދާޅުވި އެވެ.

ލަންކާއަކީ އަބަދުވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި މުހިންމު ރޯލެއް އަދާކުރާ ތަނަކަށްވާއިރު އިއްޔެ އެ ގައުމުގެ މީޑިއާތަކުން ވެސް ވަނީ އިބޫ އާއި ނަޝީދަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީފަ އެވެ. އެތަނަށް ދިޔަ ބައެއް ނޫސްވެރިންނަށް ރައީސް ނަޝީދު ވަރަށް ފަރިތަވި ނަމަވެސް އިބޫއާ ބައްދަލުވީ ފުރަތަމަ ފަހަރަށެވެ. އެމީހުންނަށް ވެސް އެކަންވީ ހާއްސަ ކަމަކަށެވެ.