ދުނިޔެ

މެކްސިކޯ އާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

Aug 29, 2018

ވޮޝިންގްޓަން (އޯގަސްޓް 27) - އަވަށްޓެރި މެކްސިކޯ އާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މީގެ 25 އަހަރު ކުރިން ތިން ގައުމެއް ހިމެނޭގޮތަށް ސޮއި ކުރެވިފައިވާ ނޯތު އެމެރިކާ ފްރީ ޓްރޭޑް އެގްރީމަންޓް (ނަފްޓާ) އަލުން މުރާޖައާ ކުރަން ޓްރަމްޕްގެ ސަރުކާރުން ފެށި މަސައްކަތަށް އަލިމަގެއް ފެނިފައިވާ ކަމަށް ޓްރަމްޕް ހާމަކުރެއްވީ، އެ އެއްބަސްވުމާއި ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އެއްބަސްވުމުގައި ހިމެނޭ ކެނެޑާ އާއެކު މަޝްވަރާތައް އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ނަފްޓާގެ ސަބަބުން އެމެރިކާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހަނިވެފައިވާ ކަމަށް ބުނެ، އެ އެއްބަސްވުން އަލުން މުރާޖައާ ކުރުމުގެ ފެށީ މީގެ އެއް އަހަރު ކުރިންނެވެ.

މެކްސިކޯ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާނު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ކެނެޑާއަށް ވެސް އެ ހުށަހެޅުންތައް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް، ކެނެޑާ އާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ތަފާތު އެއްބަސްވުމެއް ހެދުމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

ނަފްޓާ އެއްބަސްވުމުގެ ދަށުން، ތިން ގައުމުގެ މެދުގައި އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެ އެވެ. މެކްސިކޯ އާއެކު ކުރެވުނު މަޝްވަރާތަކުގައި، ޑިއުޓީ މައާފު ކުރެވޭނީ އެ ގައުމެއްގައި މުދަލެއްގެ 75 ޕަސަންޓް އެ ގައުމުގައި އުފައްދާނަމަ އެވެ.