ހަބަރު

އޭސީސީއަށް ގިނައިން ހުށަހަޅަނީ ނުބެލޭނެ މައްސަލަތައް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަހަރުގެ ފުރަަތަމަ ހަމަސްދުވަހުގެ ތެރޭ 404 މައްސަލަ ހުށަހެޅި ނަމަވެސް އޭސީސީގެ މެންޑޭޓުން ބޭރުވުމާއި އެހެން ވެސް ސަބަބުތަކާ ހުރެ ގިނަ މައްސަލަތައް ނުބަލާ ދޫކޮށްލަން ޖެހިފައިވާ ކަމަށް އޭސީސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2018ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 404 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެތެރެއިން 124 މައްސަލައަކީ 2 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލައެވެ. އަދި 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 152 މައްސަލައެވެ.

އޭސިސީގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތަހުގީގު ކުރުމަށް ނިންމީ 110 މައްސަލަކަމަށާއި، 2017 ވަނަ އަހަރު އެމުއްދަތުގައި ތަހުގީގު ކުރުމަށް ނިންމާފައިވަނީ 99 މައްސަލަ ކަމަށް އޭސިސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ، އެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން އެކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ކޮމިޝަނުން ފޮނުވަމުންދާ ކަމަށާއި، އެގޮތުން، މިއަހަރުގެ ދެ ވަނަ ކުއާޓަރގެ ތެރޭގައި އަށް މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި އޭސިސީން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ ހަ މައްސަލަ އެކެވެ.

އޭސީސީގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 16 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި
ނުބަލާ ދޫކޮށްލާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި 26 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.