އިންޑަޕެންޑަސް ގޯލްޑަން ޖުބްލީ ގްލޯބަލް ވެޓްރަންސް މުބާރާތުގެ ފައިނަލްގައި މިއަދު އިންޑިއާ އަތުން 2-0 އިން މޮޅުވެ، ސިންގަޕޫރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިންގަޕޫރުން ވަނީ 2-0ގެ ލީޑެއް ނަގައިފަ އެވެ. ސިންގަޕޫރުގެ ފުރަތަމަ ލަނޑު 13 ވަނަ މިނިޓުގައި ޖެހީ ސެޑިކް އެސަދެވެ. އަދި 18 ވަނަ މިނިޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޖުމާރީ ބިން ސެމިން އެވެ.
މެޗު 49 ވަނަ މިނިޓުގައި އިންޑިއާ އަށް ލަނޑު ޖަހައިދިނީ ކެޕްޓަން ރަަމަން ވިޖަޔަން އެވެ.
މި މުބާރާތުގެ އެންމެ މޮޅު ފޯވަޑްގެ މަގާމު ލިބުނީ އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ވިޖަޔަން އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ސިންގަޕޫރުގެ ސިވާ ކުމާރެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އިންޑިއާގެ ސަމްޕަތު ރަމަކްރިޝްނަން އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ސިންގަޕޫރުގެ މުހައްމަދު ޝަހްލާން ބިން ސަމަތެވެ.
ސާޅީސް ފަސް އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިންގަޕޫރުގެ ސެޑިކެވެ. ސާޅީސް އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިންގަޕޫރުގެ ޖުމާރީ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސިންގަޕޫރަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ވެސް މި މެޗަށް ވަޑައިގަތެވެ.
މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި ރާއްޖެއާއެކު ޖުމްލަ ހަ ގައުމެއް ވާދަކުރި އެވެ. ރާއްޖެ މުބާރާތުން ކެޓީ ސެމީ ފައިނަލްގައި އިންޑިއާ އަތުން ބަލިވެގެންނެވެ.