މާލެއާއި ހުޅުލެ ގުޅުވައިދޭ ބްރިޖު ހެދުމުގެ މަޝްރޫއު ޗައިނާގެ ސަރުކާރާ ގުޅުމެއް ނެތް އަމިއްލަ ކުންފުންޏަކަށް ދިނުމަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވި ކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ އީވައިސީގެ ކޯ ޗެއާގެ ހައިސިއްޔަތުން ބްރިޖާ ގުޅޭ މަސައްކަތްތަކެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ކަމަށާއި ގިނަ މަޝްވަރާތަކެއް ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަވައިގެން މުހައްމަދު ޝަރީފް، މުންދު ވެސް ކުރެއްވި ކަމަށެވެ. ނަމަވެސް ބްރިޖްގެ މަޝްރޫއު ހިންގުން އޮތީ މުޅިން އަދީބާ ހަވާލުކޮށްފައި ނޫން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން އޭރު އުފައްދާފައި އޮތް ފަންނީ ކޮމިޓީއަކުން ފާރިސް މައުމޫން އިސްކޮށް ހުންނަވައިގެން ހުށަހެޅުއްވި ޓެކްނިކަލް ޕްރޮޕޯސަލްތައް ހިތްހަމަ ނުޖެހޭތީ އީވައިސީގެ ތެރޭގައި ޒުވާބުތަކެއް ހިނގި ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި އަމިއްލަ ކުންފުންޏަކަށް އެ މަޝްރޫއު ހަވާލު ކުރުމަށް ނުފޫޒުތަކެއް ފޯރުވި ކަމަށާއި އެކަން އެނގިގެން ރައީސްއަށް އެ ހަބަރުތައް ދެއްވި ކަމަށް ވެސް ޝާއިނީ ވިދާޅުވި އެވެ. އެއަށް ފަހު ޗައިނާ ސަރުކާރާ ސީދާ ގޮތެއްގައި ވާހަކަދައްކަވައިގެން އެ ސަރުކާރުގެ ވިސްނުން ހުރި ގޮތެއް ބަލައިގެން ޕްރޮޕޯސަލް ދެވަނަ ފަހަރަށް ދިރާސާކޮށް، ޗައިނާ ސަރުކާރުގެ ރެކޮމެންޑޭޝަންއާއެކުގައި އެ ސަރުކާރުގެ ކުންފުންޏަކަށް ބްރިޖުގެ މަޝްރޫއު ހަވާލު ކުރި ކަމަށް ޝައިނީ ވިދާޅުވި އެވެ.
"މި ކޮމިޓީއަކުން ވަކި ގޮތަކަށް ނިންމާފައި، އޭރު ވަރަށް ގިނަ ނުފޫޒުތަކެއް މިކަމުގެ ތެރެއަށް ވަތް، މީގަ ވަރަށް ގިނަ ކަންތައްކައް ހިނގި، އެކަމަކު އަމިއްލަ ކުންފުންޏަކަށް މަޝްރުއު ހަވާލުވާން ދަނިކޮށް، އެމަނިކުފާނުގެ ދަތުރަށް ވަރަށް ކުޑަ ދުވަސްކޮޅަކަށްވެފައި ހުއްޓާ އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކުން ރައީސްއާ އަޅުގަނޑުމެން ވާހަކަދައްކައިގެން ދެވަނަ ފަހަރަށް ބެލި ބެލުމަކާ ހެދި
އަޅުގަނޑުމެންނަށް މިއަދު މި ބްރިޖު މިތާ މިހުރީ،" ޝައިނީ ވިދާޅުވި އެވެ. "މިކަމުގެ ތެރޭގައި ރައްޔިތުންނަށް ނޭނގޭ ކަމެއް ވެގެން ގޮއްސި، އެކަމަކު ހަމަގައިމުވެސް ބްރިޖުގެ މިލްކުވެރިކަން އެހެން ނޫނީއާ އެ ހުރިހާ ސޮލިއުޝަންއެއް ނެރުއްވީ އެހެން އެއްވެސް ބޭފުޅެއް ނޫން، ސީދާ ރައީސް ޔާމީން،"
ބްރިޖުގެ މަޝްރޫއު އަމިއްލަ ބަޔަކަށްދިނުމަށް ނުފޫޒު ފޯރުވީ ކޮން ބައެއް ކަމެއް ޝައިނީ ވިދާޅެއް ނުވެ އެވެ. ނަމަވެސް އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި އެކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ސަރުކާރުން ވަކިވެވަޑައިގެންފައިވާ އޭރުގެ ބައެއް މިނިސްޓަރު ހިމެނެ އެވެ.