ހަބަރު

އުމަރު ޒާހިރާއެކު އިސް ރަށްވެހިން ބްރިޖަށް

Sep 1, 2018
5

މާލެ ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހުޅުވުމުގެ އުފާ ފާހަގަކުރުމަށް މިރޭ ބޭއްވި "އިސް ރަށްވެހިންގެ ޓުއާ"ގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ ހިދުމަތްތަކެއް ގައުމަށް ކޮށް ދެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ބައިވެރިވެވަޑައިގެންފި އެވެ.

އުމަރު ޒާހިރު މިރޭ ބްރިޖު ބައްލަވާލައްވާފައިވާއިރު އުމަރު ޒާހިރު ވަނީ ގައުމު ތަރައްގީ ކުރުމުގެ މުހިންމު ގިނަ މަސައްކަތްތަކެއްގައި އެންމެ އިސްކޮށް އުޅުއްވާފަ އެވެ. ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫތައް އޭގެ ތެރޭގައި ހިމެނެ އެވެ.

މިރޭގެ ޓްއާގައި އެހެން ވެސް އިސް ރަށްވެހިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ގިނަ ބޭފުޅުން ހިމެނެ އެވެ.

ބްރިޖުގައި ދުއްވަން ހަމަޖެހިފައިވާ އެމްޕީއެލްގެ ބަހުގައި މުޅި ބްރިޖު އެ ބޭފުޅުން ބައްލަވާލައްވާފައިވެ އެވެ. އިސް ރަށްވެހިންގެ ޓުއާގެ އިތުރުން މިރޭ ވަނީ ޕްރޮފިޝަނަލްސްގެ ހިނގާލުމުގެ ނަމުގައި ވެސް ބްރިޖުގައި ހަރަކާތްތަކެއް ބާއްވާފަ އެވެ. އެ ހިނގާލުމުގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ކާމިޔާބު ފަރާތްތަކުން ބައިވެރިވި އެވެ.

މިރޭ ބްރިޖުގައި ހާއްސަ ޓުއާއެއް ބޭއްވިއިރު ހަވީރު ވަނީ ފަސް ކައިވެންޏެއް ބްރިޖު މަތީގައި ކޮށްފަ އެވެ. މާދަމާ ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ހަރަކާތްތައް މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. ބްރިޖުގެ ދަތުރުތައް ފަށާނީ ހަތްވަނަ ދުވަހު އެވެ.