ހަބަރު

ރައީސް ޔާމީން ވަނީ 40 އަހަރާ ނުބައްދަލު ތަރައްގީ ގެންނަވާފައި: ސައީދު

Sep 1, 2018
8

އެތައް ދަތިތަކާއި އުނދަގުލުގައި ވެސް ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީ 40 އަހަރާ ނުބައްދަލު ކަމަށް ރައީސް ޔާމީންގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިބޫ ކެމްޕޭން ދަތުރުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީން ދަތިއަޅުވާ ވައްޓާލުމަށް އެތައް މަސައްކަތެއް އިދިކޮޅު ފަރާތްތަކުން ކުރި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން ރާއްޖެއަށް ގެންނެވި ތަރައްގީ އާއި ތަހުޒީބު އަދި ފުދުންތެރި ކަމަކީ ކުރިއަށް މި އޮތް 40 އަހަރުގެ ތެރޭގައި ވެސް ވެރިއަކަށް ނުގެނެވޭނެ ފަދަ ކުރިއެރުމާއި ތަރައްގީ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ވަނީ 40 އަހަރާ ނުބައްދަލު ތަރައްގީ، ތަހުޒީބު އަދި ފުދުންތެރިކަން މި ގައުމަށް ގެނެސްދެއްވާފައި. އިބޫ އަކީ ރައީސް ޔާމީންއާ ވާދަކުރެވޭނެ ފަދަ ގާބިލްކަން ހުރި ކެންޑިޑޭޓެއް ނޫން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ތަރައްގީގެ ތެރޭގައިި ހިމެނޭ، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި އެއާޕޯޓްގެ އާ ރަންވޭ އަދި ބިންހިއްކާ މަހާޖައްރާފުގެ ފޮޓޯއާ އެކު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި އިބޫއަށް ވަނީ ސުވާލުތަކެއް ވެސް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ސައީދު އިބޫއަށް ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަކީ ހަމަ އިދިކޮޅުން ކުރަން އުޅެ ނުވި ކަންތައްތައްތޯ؟ އެވެ. ނޫނީ ކުރީގެ ވެރިންނަށް ފެނުނު ހުވަފެންތަކެއް ތޯ ވެސް ސައީދު އިބޫއާ ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވެސް މިފަހުން ވިދާޅުވީ އިބޫ ރަށްރަށަށް ވަޑައިގެން ވަމުންދާ ވައުދުތަކަކީ، އެމަނިކުފާނުގެ ވައުދުތައް ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ވެސް ފުއްދައިދީފައިވާ ކަމަށެވެ. އަދި އިދިކޮލޫ ފަރާތްތަކުގެ ދަތިތައް ނެތް ނަމަ، އަދި އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ނުދިން ނަމަ، 300 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާއިން ބަނދަރުތަކާއި ނަރުދަމާ އަދި ސާފު ފެނުގެ ނިޒާމް މިހާރު ހުންނާނީ ގާއިމްކޮށް ނިމިފައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.