ހޮލީވުޑް

ނީލް އާމްސްޓްރޯންގް ފިލްމުގެ ދިފާއުގައި އޭނާގެ އާއިލާ

އެންމެ ފުރަތަމަ ހަނދުގައި ފިޔަވަޅެއް އެޅި އިންސާނާ، ނީލް އާމްސްޓްރޯންގް ގެ ހަޔާތަށް ތައްޔާރުކުރި ފިލްމު "ފަސްޓް މޭން"، މިހާރު ކުރިއަށްދާ ވެނިސް ފިލްމު ފެސްޓިވަލުގައި ވަނީ ޕްރިމިއާ ކޮށްފަ އެވެ. ރަޔަން ގޯސްލިން ނީލްގެ ރޯލުން ފެނިގެންދާ މި ފިލްމަށް ކްރިޓިކުން ވަނީ ގިނަ ތައުރީފުތަކެއް ވެސް ކޮށްފަ އެވެ.

ނަމަވެސް އޭގެ ދިމާ އިދިކޮޅަށް، އާންމުންގެ ފަރާތުން މި ފިލްމަށް ވަނީ ފާޑުކިޔުމާއި ތުހުމަތުތަކެއް ލިބިފަ އެވެ. މި ފިލްމަކީ "އެންޓި އެމެރިކާ" ނުވަތަ އެމެރިކާއާއި ދެކޮޅަށް ނެރެފައިވާ ފިލްމެއް ކަމަށް ބުނެ އެވެ. އެއީ އެމެރިކާއިން ހަނދުގައި އެ ގައުމުގެ ދިިދަ ހަރުކުރި މަންޒަރު މި ފިލްމުގައި ހިމަނާފައި ނެތުމުންނެވެ.

މި ފާޑުކިޔުންތަކާއި ތުހުމަތުތައް ކުރި މީހުންގެ ތެރޭގައި އެމެރިކާގެ ސިޔާސީ ބައެއް ޝަހުސިއްޔަތުންވެސް ހިމެނެ އެވެ. ނަމަވެސް މި ފިލްމުގެ ދިފާއުގައި ނީލްގެ އާއިލާގެ ބައެއް މެމްބަރުން ވަނީ ވާހަކަަދައްކާފަ އެވެ. ނީލްގެ ދެ ދަރިން ކަމުގައިވާ ރިކް އާއި މާކް ނެރުނު ބަޔާނެއްގައި ބުނީ މިއީ އެމެރިކާއާއި ދެކޮޅު ފިލްމެއްގެ ގޮތުގައި އެމީހުނަށް ނުފެންނަ ކަމަށެވެ.

ޖައްވީ އުޅަނދު އެޕޯލޯ 11 ގައި ނީލް އާއި އެޑްވިން އެލްޑްރިން އަދި މައިކަލް ކޯލިންސް ހަނދަށް ދިޔުމަށް ނައްޓާލީ ޖުލައި 16، 1969 ގަ އެވެ. އެމީހުނަށް ހަނދަށް ދެވުނީ އޭގެ ހަތަރު ދުވަސް ފަހުން ޖުލައި 20، 1969 ގަ އެވެ. ހަނދަށް ފޭބީ ނީލް އާއި އެޑްވިން އެކަނި އެވެ. މައިކަލް ހުރީ ހަނދުގެ އޯބިޓް ތެރޭގައި ހަނދުގެ ވަށައިގެންވާ މާހައުލުގެ ފޮޓޯތައް ނެގުމަށެވެ.

ހަނދަށް ދިއުމަށް އެމީހުން އުފުލި ތަކުލީފުތައް ދައްކުވައިދޭ މި ފިލްމުގައި ރަޔަން ގޯސްލިންއާކު މުހިންމު ރޯލުތަކުން ފެނިގެންދަނީ ކްލެއާ ފޯއީ އަދި ޖޭސަން ކްލާކް އެވެ. ޑެމިއެން ޝެޒެލް ޑައިރެކްޓުކުރި މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހު 12 ގަ އެވެ.