ހަބަރު

މަހިބަދޫން ހޫނު މަރުހަބާއެއް، އާ މަގުތައް ރައީސް އިފްތިތާހު ކޮށްދެއްވައިފި

އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކުގައި ގާ އަތުރުމުގެ މަސައްކަތުގެ ނިމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް މިއަދު މަހިބަދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ސަގާފީ މަރުހަބާއެއް ކިޔާފަ އެވެ. ބޮޑުބެރާއި އެނޫންވެސް ބައެއް ސަގާފީ ހަރަކާތްތަކާއެކު ރައީސަށް މަހިބަދޫން މަރުހަބާ ކިޔާފައިވާއިރު ގިނަ އަދަދެއްގެ އާންމުން އެމަނިކުފާނާ ސަލާމްކުރަން ނިކުމެ ތިއްބެވެ.

މަހިބަދޫގެ މަގުހެދުމުގެ މަޝްރޫއަކީ 2015 ވަނަ އަހަރުގެ ޖޫމް މަހުގެ ތެރޭގައި ސަރުކާރުން ފެށި މަޝްރޫ އެކެވެ. މި މަސައްކަތަކީ ސަރުކާރުގެ މަގު ހަދާ ކުންފުނި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްގެން މަހިބަދޫގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ މި މަޝްރޫއަށް ހަރަދުކޮށްފައިވެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 2300 މީހުން ދިރިއުޅޭ މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 3.7 ކިލޯ މީޓަރުގެ މަގުގެ ސަރަހައްދުގައި ގާ އަތުރާ، ރަނގަޅު ފެންވަރަކަށް މަގުތައް ތަރައްގީކޮށްފައިވެ އެވެ. މި މަޝްރޫއު ނިމިފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅާއި ދ ގެ ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ހިންގި ފެނުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އދ. މާމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.