އޭޝިއަން ގޭމްސްގެ ގުރޫޕް ސްޓޭޖުގައި ގަތަރު ބަލިކޮށް، ދެ ވަނަ ބުރަށް ދިއުމަކީ، ބަނގުލަދޭޝްގެ ފުޓްބޯޅައިގެ ތާރީހްގައި، އެ ގައުމުން ކުރިއަށް އެޅި ތާރީހީ ފިޔަވަޅެކެވެ.
ދެ ވަނަ ބުރުގައި އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ އުތުރު ކޮރެއާ އަތުން ބަލިވި ނަމަވެސް، ބަންގުލަދޭޝްގެ ފުޓްބޯޅައަށް އެ ގައުމުން އިތުބާރު ހޯދައިދިނެވެ. ނަތީޖާއަކީ ކްރިކެޓަށް މަރުދީފައިވާ ބަނަގުލަދޭޝްގެ ރައްޔިތުން ފުޓްބޯޅަ ސްޓޭޑިއަމަށް ޖަމާވެ ސްޓޭޑިއަމް ފުރާ ލުމެވެ. ދެކުނު އޭޝިއާގެ ސަރަހައްދީ މުބާރާތް ސާފް ޗެމްޕިއަންޝިޕް ބަނގުލަދޭޝްއިން ސިފަ ކޮށްފައި ވަނީ ސަރަހައްދީ ވޯލްޑްކަޕުގެ ގޮތުގަ އެވެ.
އެ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ބުޓާންގެ ކޯޗް ޓްރެވާ މޯގަން ބުނީ، ގުރޫޕް ފޭވަރިޓަކަށް ބަނގުލަދޭޝް ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެންޖެހޭތީ އެކަނި ނޫން ކަމަށެވެ. އޭނާ ބުނީ އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރަށް ދަތުރު ކުރުމުން ބަނގުލަދޭޝްގެ ޓީމު އޮތީ ވަރުގަދަ ރޫހެއްގައި ކަމަށެވެ.
ބަނގުލަދޭޝް އާއި ބޫޓާން އެންމެ ފަހުން ކުރިމަތިލީ، 2016 ވަނަ އަހަރު އޭޝިއަންކަޕް ކޮލިފިކޭޝަންގެ ޕްރީ ރައުންޑްގަ އެވެ. ބަނގުލަދޭޝްގެ މައްޗަށް 3-1 ކާމިޔާބު ހޯދައި ކޮލިފައިންގެ ޖާގަ ކަށަވަރު ކުރީ ބޫޓާނުންނެވެ. އެއީ ބަނގުލަދޭޝްއަށް ކުރިމަތި ހިތްދަތި ނާކާމިޔާބެކެވެ. އެ ނަތީޖާ އާ ގުޅިގެން 17 މަސްދުވަސް ވަންދެން ބަނގުލަދޭޝްއަށް އޮންނަން ޖެހުނީ ރަސްމީ އެއްވެސް މެޗެއް ނެތި މަންޒަރު ބަލާށެވެ. އޭރު އޮތް ބޫޓާންގެ ސްކޮޑަށްވެސް އަދި ބަނަގޅާުގެ ސްކޮޑަށްވެސް ބަދަލު އަތުވެއްޖެ އެވެ.
"މިހާރު ސީނިއާ ކުޅުންތެރިޔެއް ޒުވާން ކުޅުންތެރިޔެއް ނޯންނާނެ، (މިއަދު) ގެ މެޗަށް ނެރޭނީ އެންމެ ރަނގަޅު ފުރަތަމަ 11، މި ޓީމުން އަހަންނަށް ފެންނަނީ އެންމެ ރަނގަޅު ކޮމްބިނޭޝަން،" ބަނަގުލަދޭޝްގެ ކޯޗް ޖެމީ ޑޭ ބުންޏެވެ. "ކުޅުންތެރިންނަށް އެނގޭނެ އަހަރެން އެމީހުންގެ ފަރާތުން ބޭނުންވާ ކަމަކީ ކޮބައިކަން، އެމީހުންނަށް އިތުރު ޕްރެޝަރެއް ދޭން ނުޖެހޭނެ."
ބަނގުލަދޭޝް އާއި ބޫޓާން ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:00 ގަ އެވެ.