ސާފް ސުޒުކީ ކަޕް

ބަންގުލަދޭޝް ބަލިކޮށް، އެއްވަނައިގައި ނޭޕާލް ސެމީއަށް

މުބާރާތް ބާއްވާ ގައުމު، ބަންގުލަދޭޝްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގުރޫޕް އޭ ގެ އެއް ވަނައިގައި ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލަށް ނޭޕާލް ދަތުރު ކޮށްފި އެވެ.

މެޗުގެ ކުރިން، ސެމީ އަށް ދިއުމުގެ ފުރުސަތު ބޮޑަށް އޮތީ ބަންގުލަދޭޝް އަށެވެ. އެއީ މުބާރާޓުގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފައި ވުމުން، މެޗު އެއްވަރު ކޮށްލައިގެންވެސް ބަންގުލަދޭޝްއަށް ސެމީ ފައިނަލަށް ދެވެން އޮތުމުންނެވެ.

ނޭޕާލް މޮޅުވުމުން، އެ ޓީމު ވަނީ ގުރޫޕްގެ އެއް ވަނައިގައި ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ދެ ވަނައިގައި ސެމީ ފައިނަލަށް ދިޔައީ 13 އަހަރު ފަހުން ސެމީގެ ޖާގަ ހޯދި ޕާކިސްތާނެވެ. ޕާކިސްތާނާއި ނޭޕާލަށްވެސް ޕޮއިންޓް ލިބުނީ އެއްވަރަކަށެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ލިބުނީ ނޭޕާލަށެވެ.

ބުދަ ދުވަހު ކުޅޭ، ސެމީ ފައިނަލު ފުރަތަމަ މެޗުގައި ނޭޕާލް ވާދަ ކުރާނީ، ގުރޫޕް ބީ ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. އެ ގުރޫޕުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައި އޮތީ އިންޑިއާ އެކަންޏެވެ. ސެމީގެ ދެ ވަނަ ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެ އާއި ލަންކާއަށްވެސް އެބައޮތެވެ. މާދަމާ އިންޑިއާ އާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް އެބަ އޮތެވެ.

މެޗުގައި ނޭޕާލްގެ ފުރަތަމަ ލަނޑު، މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިމާލް މަގަރު އެވެ. ދެ ވަނަ ލަނޑު ނަވަޔަންގް ޝްރީތާ ކާމިޔާބު ކުރީ ބިމާލް މަގަރު ދިން ބޯޅައަކުންނެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މާދަމާ ނިކުންނާނީ އިންޑިއާ އާއި ދިވެހިރާއްޖެ އެވެ. މެޗު ފަށަނީ ރާއްޖޭ ގަޑިން ހަވީރު 6:00 ގަ އެވެ.