ސާފް ސުޒުކީ ކަޕް

އިއްބެގެ ދެ ލަނޑުން ނޭޕާލް ބަލިކޮށް ރާއްޖެ ފައިނަލަށް

އިބްރާހިމް ވަހީދު ހަސަން 'ފެލައިނީ އިއްބެ' ޖެހި ދެ ލަނޑާއެކު، 3-0 ގެ ނަތީޖާއަކުން ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދައި ސާފް ސުޒުކީ ކަޕުގެ ފައިނަލަށް ދިވެހިރާއްޖެ ދަތުރު ކޮށްފި އެވެ.

މިއީ ރާއްޖެއިން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރި، ފަސް ވަނަ ފަހަރެވެ. އެންމެ ފަހުން ރާއްޖެ ފައިނަލަށް ދަތުރު ކުރީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރު އެވެ. އެފަހަރުގެ ފައިނަލުގައި ރާއްޖެ ބަލީވީ އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އެފަހަރުގެ ފައިނަލުވެސް ކުޅުނީ މިހާރުވެސް މުބާރާތް ކުރިއަށްދާ ބަންގުލަދޭޝްގެ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގަ އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގައި، ޕީޓާ ޝެގަޓްގެ ޖެހިޖެހިގެން ދެ ވަނަ ފައިނަލެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އޭނާ ވަނީ އަފްގާނިސްތާން ފައިނަލަށް ގެންގޮސްދީފަ އެވެ. އެފަހަރުގެ ފައިނަލުގައި އަފްގާން ބަލިވީ އިންޑިއާ އަތުންނެވެ. ސެމީ ފައިނަލަށް އަފްގާން ޓީމު ދަތުރު ކުރީ ސެމީ ފައިނަލުގައި ރާއްޖެ ބަލި ކުރުމަށް ފަހު އެވެ.

ރާއްޖެ ފައިނަލުގައި ކުޅުނު އަހަރުތައް

  • 1997
  • 2003
  • 2008
  • 2009

ރާއްޖެއިން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ނޭޕާލްގެ ގޯލް ހުޅުވާފަ އެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ރާއްޖޭގެ ފުރަތަމަ ލަނޑު ކެޕްޓަން އަކުރަމް އަބްދުލް ގަނީ ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭރިއާގެ ބޭރުން، އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން އަކުރަމް ގޯލްތެރެއަށް ވައްދާލީ ގޯލްގެ ދުރު ކަނަށެވެ. ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުންގެންދާ ނޭޕާލްގެ ގޯލްކީޕަރު ކިރަން ޝެމެޝޮންގަށްވެސް ބޯޅައިގެ މިސްރާބު އޮޅިގެން ދިޔަ އެވެ.

މެޗު ކުޅެމުން ދިޔައީ ބޯވާރޭ ތެރޭގައެވެ. ވެހެމުން ދިޔަ ވާރޭއާއެކު، ވިދަންވެސް ފެށި އެވެ. މެޗުގެ 30 ވަނަ މިނެޓާ ހަމަޔަށް ދިޔަ ފަހުން، މެޗުގެ ރެފްރީއާ ވާހަކަ ދެއްކުމަށް ފަހު މެޗު ކޮމިޝަނަރު ނިންމީ މެޗު މެނދުކަޑާ ލުމަށެވެ. މޫސުން އަލިވުމުން މެޗު ފެށީ، ގާތްގަނޑަކަށް 25 ށް މިނެޓް ފަހުންނެވެ.

މެދުކަނޑާލުމުގެ ކުރިން، ރާއްޖެއިން ރަނގަޅަށް ކުޅެމުން ދިޔަ އެވެ. ނަމަވެސް އަލުން މެޗު ފެށުމަށް ފަހު، މެޗު ޑޮމިނޭޓކޮށްގެން ކުޅުނީ ނޭޕާލުންނެވެ. ނޭޕާލުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލާފަ އެވެ. އެ ބޯޅަތައް ދިފާއު ކުރުމުގައި ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަރަށް ހުށިޔާރެވެ. މެޗު އަލުން ފެށިއިރު ދަނޑު ވަރަށް ބޮޑަށް ޗަކަސް ވެފައި އޮތުމުން ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެން އުނދަގޫވި އެވެ.

ދެ ވަނަ ހާފުގައި، ރާއްޖެއިން ކުޅުނީ ޑިފެންސިވް ގޭމެކެވެ. މެޗުގެ 75 ވަނަ މިނެޓާ ހަމަޔަށް ރާއްޖެއިން އިސްކަން ދިނީ ޑިފެންސް ކުރުމަށެވެ. ހަމަލާ އުފައްދަމުން ދިޔައީ ކައުންޓަ އެޓޭކްގަ އެވެ.

މެޗުގެ 80 ވަނަ މިނެޓްގައި، ކޯޗް ޕީޓާ ޝެގަޓް ވަނީ، ނާއިޒް ހަސަން (ދާދު) ގެ ބަދަލުގައި އަސަދުﷲ އަބްދުﷲ ކުޅެން އަރުވައި ޓެކްޓިކަލް ބަދަލެއް ގޭމަށް ގެނެސްފަ އެވެ. މެޗުގެ އެންމެ ފަހު 10 މިނެޓްގައި ނޭޕާލްގެ ކުޅުންތެރިން ވަރުބަލި ވެފައި ވުމުން، އޭގެ ފައިދާ ނެގުމަށް ޝެގަޓް ވަނީ ރާއްޖޭގެ ގޭމް އޯޕަން ކޮށްލާފަ އެވެ.

މެޗުގެ ފަހު ދެ ލަނޑު ފެލައިނީ އިއްބެ ކާމިޔާބު ކުރުމުގައި އަސަދުﷲ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ދެ ވަނަ ލަނޑު އިއްބެ ކާމިޔާބު ކުރީ ރާއްޖެއިން އުފެއްދި ހަމަލާއެއް، ނޭޕާލްގެ ކުޅުންތެރިން ބްލޮކު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ހުހަށް އޮތް ގޯލްތެރެއަށް ވައްދާލައިގެންނެވެ. އޭރު ނޭޕާލްގެ ކީޕަރު ކިރަންވެސް ހުރީ ގޯލް އޭރިއާއިންވެސް ނިކުމެއެވެ.

ތިން ވަނަ ލަނޑު، އިއްބެ ކާމިޔާބު ކުރީ ސީދާ އަސަދުﷲ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މިފަހަރުވެސް ކިރަން އޮތީ ކުރިއަށް ނިކުމެއެވެ. އިއްބެއަށް ލިބުނީ ހުހަށް ގޯލެވެ.

ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ނިކުންނަ ޓީމެއް ކަށަވަރު ވާނީ، ދެ ވަނަ ސެމީ ފައިނަލުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗުންނެވެ. އެ މެޗު ފަށާނީ 6:30 ގަ އެވެ.