ސާފް ސުޒުކީ ކަޕް

ދެފަހަރު ނޭޕާލުން ދެރަދީފި، ތާރީހު ބަދަލުކުރަން އާ ރޫހެއްގައި

ސެމީ ފައިނަލުގައި، މިދިޔަ ދެ އަހަރު ރާއްޖެއާ ދެކޮޅަށް ނިކުތް ގައުމަކީ ނޭޕާލެވެ. ނޭޕާލުން ވަނީ 2016 ވަނަ އަހަރު ސެމީ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ދެ ފަހަރު ނިކުމެފަ އެވެ. އެ ދެ ފަހަރުވެސް ރާއްޖެއަށް ސެމީގެ ދޮރު ބަންދު ކުރީ ނޭޕާލުންނެވެ.

ބަންގުލަދޭޝްގައި 2016 ވަނަ އަހަރު ޖަނަވަރީ މަހު ބޭއްވި ބަންގުބަންދު ގޯލްޑް ކަޕުގެ ސެމީ ފައިނަލުގައި، ރާއްޖެއަށް ހުރަސް އެޅީ ނޭޕާލުންނެވެ. ނޭޕާލުން މެޗު ކާމިޔާބު ކުރީ، 4-1 ންނެވެ. ޖެހިގެން އައި ފެބްރުއަރީ މަހު އިންޑިއާގެ ގުވަހަޓީގައި ބޭއްވި ސެމީ ފައިނަލުގައި، ނޭޕާލު އަތުން ރާއްޖެ ބަލީވީ 4-3 ންނެވެ. ސެމީގައި ރާއްޖެ ބަލި ކުރުމަށްފަހު ފައިނަލަށް ގޮސް، އެ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލުންނެވެ.

އެ ދެ ސެމީ ފައިނަލުން ނޭޕާލަށް ލިބުނު ހިތްވަރާއެކު، އަލުން ރާއްޖެއާ ދެކޮޅަށް ސެމީގައި ނިކުންނައިރު ނޭޕާލަށް ބޮޑު އިތުބާރެއް އެބައޮތެވެ. ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި މިއަދު ރާއްޖެއާ ދެކޮޅަށް ނިކުންނައިރު ނޭޕާލްގެ ވަގުތީ ކޯޗް، ބާލް ގޯޕާލް މަހާޖަން ހުރީ، ތަފާތު ރޫހެއްގަ އެވެ. އޭނާ ބުނީ، ރާއްޖެއާ ދެކޮޅަށް މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. އެއީ މީގެ ކުރިން ދެ ފަހަރުވެސް ރާއްޖެ ބަލިކޮށްފައި ވުމުން ކަމަށެވެ.

ރާއްޖޭގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ނޭޕާލު އަތުން ސެމީގައި ބަލިވެފައި އޮތުމަކީ ރާއްޖޭގެ ތާރީހް ކަމަށެވެ. އޭރު ކޯޗަކަށް ހުރީ އޭނާ ނޫން ކަމަށާއި އެ ތާރީހް އޭނާއަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އޭރު ރާއްޖޭގެ ކޯޗަކަށް ހުރީ، ނިއުޒިލޭންޑްގެ ވޯލްޑްކަޕު ކޯޗް ރިކީ ހާބަޓް އެވެ.

"އަހަންނަކަށް މަޒީ ބަދަލު ނުކުރެވޭނެ، އެއީ ތާރީހް، އަހަރެން މިހުރީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ކަމެއް ކޮށްދޭން އަހަންނަށް ވިސްނޭނީ ކުރިމަގާ މެދު."

ޓީމުގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު ބުނީ، ޓީމު އޮތީ ތަފާތު ރޫހެއްގައި ކަމަށާއި، ނޭޕާލް ބަލިކޮށް ފައިނަލަށް ދިއުމަށް ޓީމު އޮތީ ވަރުގަދަ ހިތްވަރެއްގައި ކަމަށެވެ. ނޭޕާލް މެޗަށް ނިކުންނައިރު އެ ޓީމު އޮތީ ރަނގަޅު ރޫހެއްގައެވެ. އެ ޓީމު ސެމީއަށް ދިޔައީ މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝް ކަޓުވާލުމަށް ފަހު އެވެ. ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 3:00 ގަ އެވެ.