ސާފް ސުޒުކީ ކަޕް

މިއީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ މެޗެއް: ޝެގަޓް

ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގެ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅިފައިވާ މެޗެއް ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް، ރާއްޖެ ދަތުރު ކުރީ ގުރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން މޮޅު ނުވެ ލަންކާ އާ އެއްވަރުވުމުން ގުރުއަތު ނަގައިގެން ގުރު ދިމާވުމުންނެވެ. ޝެގަޓް ބުނީ ސެމީ ފައިނަލު ވާނީ މެޗުގައި ނަތީޖާ ނެރެގެން ކުރިއަށް ދެވޭނެ މެޗަކަށް ކަމަށާއި ކުރީގެ މެޗުތަކުގެ ވާހަކަ މިހާރު ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް އާ ބެހޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ޝެގަޓް ބުނީ، ސްކޮޑުގައި ނެތް ކުޅުންތެރިޔަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އޭނާ ވާހަކަ ދައްކާނީ ސްކޮޑުގައި ތިބި ކުޅުންތެރިންނާ ބެހޭގޮތުން ކަމަށެވެ.

"މިއީ މިތިބަ ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކަންވީ ވަގުތު،" ޕްރެސްއަށް ހާޒިރުވި ޑިފެންޑަރު މުޖުތާޒްއަށް އިޝާރާތްކޮށް ޝެގަޓް ބުންޏެވެ. މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީގެ ކުރިއަށްދާންވީ ވަގުތު."

"ނޭޕާލްއަކީ ވަރަަށް ވަރުގަދަ ޓީމެއް، އެ ޓީމަށް އަހަރެން ފުރިހަމައަށް އިހުތިރާމު ކުރަން، މި ސެމީފައިނަލުގެ މެޗަކީ ކުރިއަށް އޮތް ދެ އަހަރުގެ މުސްތަގުބަލާ ގުޅިފައިވާ މެޗެއް، އަހަރެން އެދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޓީމާއެކު ތިބުން، މީޑީއާއިންވެސް ޓީމަށް އެއްބާރުލުން ދިނުން."

ރާއްޖެއާ ދެކޮޅަށް ނިކުންނަ ނޭޕާލްގެ ޓީމަކީ، 2016 ވަނަ އަހަރު ދެ މުބާރާތެއްގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިކޮށްފައިވާ ދެ ޓީމެވެ. ކުރީގެ ކޯޗް ރިކީ ހާބަޓްގެ ދައުރުގައި، ބަންގުލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑްކަޕުގެ ސެމީ ފައިނަލުގަޔާއި، އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލު މެޗުގައި ނޭޕާލުން ވަނީ ރާއްޖެ ބަލި ކޮށްފަ އެވެ.