ފަސް އަހަރުގެ މެދު ކެނޑުމަކަށް ފަހު އެނބުރި ސާފް ޗެމްޕިއަންޝިޕަށް އައިސް، ނޭޕާލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޕާކިސްތާނުން މޮޅަކުން މުބާރާތް ފަށައިފި އެވެ.
އިންޑިއާގައި އެންމެ ފަހުން ބޭއްވި ސާފްގެ މުބާރާތުގައި ޕާކިސްތާނުން ވާދަ ކޮށްފައެއް ނުވެ އެވެ. އެއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގޯސްވެފައިވާ ގުޅުމުގެ ތެރެއިން ޖެހުނު މައްސަލަތަކާ ހެދި އެވެ.
ޕާކިސްތާންގެ ސީނިއާ ޓީމުން ސާފް މެޗެއް އެންމެ ފަހުން މެޗެއް ކުޅުނީ، ނޭޕާލްގެ ކަތަމަންޑޫގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް "އޭ" ގެ އެންމެ ފަހު މެޗުގަ އެވެ. އެ މެޗުގެ އެންމެ ފަހު ވަގުތުގައި ބަންގުލަދޭޝް ކޮޅަށް ޖެހި ލަނޑުން ޕާކިސްތާން މޮޅުވީ 2-1 ންނެވެ.
އެނބުރި އައިސް ކުޅުނު މެޗުވެސް، ޕާކިސްތާން ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޕާކިސްތާނުން ކާމިޔާބު ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. އެ ޕެނަލްޓީއަކީ ޕާކިސްތާނުން ނެގި ހުރަހެއް ޖަހަން، އެ ޓީމުގެ މުހައްމަދު ރިއާޒު ނޭޕާލްގެ އޭރިއާ ތެރެއަށް އެރުމުން، ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރިއާޒްގައިގައި ނޭޕްލްގެ ޑިފެންޑަރު ބިރާޖު މަހާރުޖަން ޖެހިގަތުމުން ދިން ޕެނަލްޓީ އެކެވެ. ރިޔާޒު ވެއްޓުނު ނަމަވެސް ނޭޕާލް ކުޅުންތެރިން އެޕީލް ކުރީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ޕެނަލްޓީން ޕާކިސްތާންގެ ލަނޑު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީވެސް ރިއާޒް އެވެ. އޭގެ ފަހުން ކޯނަރެއްގައި ނެޕާލަށް ތަނަވަސްވި ފުރުސަތެއްގައި އެ ޓީމުން ނުރައްކާކޮށް ފޮނުވާލި ބޯޅަ ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ ދިފާއު ކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ކުލެން ނިކުތް ޕާކިސްތާންގެ ސައުދުﷲ ހާން، ނުރައްކާތެރި ބޯޅައެއް ނޭޕްލާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި އެވެ. ނޭޕާލްގެ ކީޕަރު ފިޔަވައި މުޅި ޓީމު ޕާކިސްތާންގެ ހާފުގެތެރެއަށް އަރާތިބި ވަގުތު، ނޭޕާލް ކުޅުންތެރިން އުފައްދަން އުޅުނު ޕާސް، ލިބުނީ ސައުދުﷲ އަށެވެ. އޭނާއަށް ލިބު ބޯޅަ ހިފައިގެން ނޭޕާލްގެ ހާފުގެ މެދަކާ ހިސާބަކަށް ދުވެފައި ގޮސް އޭނާ ވަނީ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި އެ ބޯޅަ ދިޔައީ ބޭރަށެވެ.
ނޭޕާލުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 82 ވަނަ މިނެޓްގައެވެ. ކޯނަރެއްގައި އެ ޓީމުން ތަނަވަސް ކުރި ބޯޅަ ގޯލްތެރެއަށް ވައްދާލީ ނޭޕްލާގެ އުންމީދީ ކުޅުންތެރިޔާ ބިމާލް މަގަރު އެވެ. ޕާކިސްތާން މޮޅުވި ލަނޑު ކާމިޔާބު ކުރީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގައެވެ.
އެ ޓީމު ލަނޑު ކާމިޔާބު ކުރީ މުހައްމަދު އަލީ އެވެ. ޕާކިސްތާނުން ކައުންޓަ އެޓޭކު ފުރުސަތެއްގައި ތަނަވަސް ކުރި ބޯޅަ، ނޭޕްލާގެ އޭރިއާގެ ތެރެއިން ސައުދުﷲ ހާން ބޮލުން ނަގައިދިނީ ގޯލް އޭރިއާގެ ތެރޭގައި ހުރި ޕާކިސްތާންގެ މުހައްމަދު އަލީ އަށެވެ. އޭނާ ވަނީ ބޮލުން ޖަހައި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. އެވަގުތު ނޭޕާލްގެ ކީޕަރު ކިރަން ޝެމްޝޮންގްއަށް ހުރެވުނީވެސް ރަނގަޅު ޕޮޒިޝަންގައެއް ނޫނެވެ.