ސާފް ސުޒުކީ ކަޕް

ޕާކިސްތާން ބަލިކޮށް ފައިނަލުގައި ރާއްޖެ އާދެކޮޅަށް އިންޑިއާ

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި، ޕާކިސްތާންގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސާފް ސުޒުކީ ކަޕުގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން ހޯދައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި އިންޑިއާ އާ ދެކޮޅަށް ނިކުންނާނީ، ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޭޕާލް ބަލި ކުރި ދިވެހިރާއްޖެ އެވެ.

ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ސަރަހައްދުގެ އެންމެ ވާދަވެރި ދެ ގައުމު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ، ލަނޑެއް ނުޖެހި އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓްގައި، އިންޑިއާގެ މަންވީރު ސިންހް ވަނީ، އެ ޓީމަށް ލީޑް ނަގައިދީފަ އެވެ. އޭނާ ލަނޑު ޖެހީ، އަޝީގް ކުރުނިޔަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އިންޑިއާގެ ދެ ވަނަ ލަނޑު، މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީވެސް މަންވީރު ސިންހް އެވެ. ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިނީ ވިނިޓް ރާއީ ޗަމްލިންގް އެވެ.

އިންޑިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ސްމީޓް ޕާސީ އެވެ. ތޭރަ އަހަރު ފަހުން ސަރަހައްދީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ޕާކިސްތާނަށް ސުން ކަނޑުވާލަ ދިނީ، މުހައްމަދު އަލީ އެވެ. އެއީ މެޗުގެ 88 ވަނަ މިނެޓްގައެވެ.

އޭގެ ދެ މިނެޓް ކުރިން، އިންޑިއާގެ ލަލިންޒޫލާ އާއި ޕާކިސްތާންގެ މުހްސިން އަލީއާ ދެމެދު ކުރިމަތި ލުމެއް ހިނގައި، ރެފްރީ ވަނީ އެ ދެކުޅުންތެރިންނަށް ރަތް ކާޑު ދައްކާފަ އެވެ.