ސާފް ސުޒުކީ ކަޕުގައި، ސެމީ ފައިނަލުގައި، ސަރަހައްދުގެ އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ، އިންޑިއާ އާއި ޕާކިސްތާން ވާދަ ކުރާ މެޗު ވެގެންދާނީ ފޯރިގަދަ ކުރިމަތި ލުމަކަށެވެ. އަސްކަރީ ގޮތުން ދެ ގައުމަކީ ވާދަވެރި ދެ ގައުމެވެ. ސިޔާސީ ގޮތުން އިންޑިއާ ޕާކިސްތާން ދެމެދުގައި އަބަދުވެސް ކޯޅުން އޮވެ އެވެ.
ކުޅިވަރުގެ ރޮނގުންވެސް ދެ ގައުމަކީ ވާދަވެރި ދެ ގައުމެވެ. ކްރިކެޓްގައި ދެ ގައުމަކީވެސް ދުނިޔޭގެ އެންމެ ވަރުގަދަ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ހޮކީގައިވެސް ދެ ގައުމުގެ ވާދަވެރިކަން އެހާ ބޮޑެވެ. ފުޓްބޯޅައިގައި ޕާކިސްތާނަށް ވުރެ އިންޑިއާ އުޅެނީ މާކުރިގަ އެވެ. ޕާކިސްތާންގެ ފުޓުބޯޅަ ބޮޑު އަނދަވަޅަކުން އަރައިގަތުމުގެ މަސައްކަތް ޕާކިސްތާނަށް އަދި ފެށުނީ އެވެ.
ދެ ގައުމުގެ ކުރިމަތި ލުމާ ބެހޭގޮތުން، ޕާކިސްތާންގެ ޑިފެންޑަރު ޒޭޝް ރަހްމާން ބުނީ، އިންޑިއާ ދެކޮޅަށް ކުޅޭއިރު ހާއްސަ އިހްސާސްތަކެއް ކުރެވޭ ކަމަށެވެ.
"އަބަދުވެސް އިންޑިއާ ދެކޮޅަށް ކުޅޭ މެޗު ވަރަށް ހާއްސަ، އަހަރެން ގަބޫލު ކުރަނީ އިންޑިއާގެ ކުޅުންތެރިންނަށްވެސް އެކަން އިހްސާސް ކުރެވޭނެ ކަމަށް ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު،" އިނގިރޭސި ޕްރިމިއާ ލީގްގައި ކުޅުނު ސާކު ސަރަހައްދަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ ބުންޏެވެ.
"މި މެޗުގައި ވަރަށް ބޮޑު ތާރީހެއް އޮންނާނެ، ވަރަށް ބޮޑަށް އިމޯޝަން އެކުލެވޭނެ، މި ވާދަވެރިކަން ވެގެންދާނީ ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރަކަށް."
ޕާކިސްތާންގެ ކެޕްޓަން ސައްދާމް ހުސައިން ބުނީ، އިންޑިއާ ދެކޮޅަށް ކުޅެން ޖެހުމުން، އެ ޓީމަށް ވަރަށް ބޮޑަށް އިހްތިރާމެއް ކުރެވޭ ކަމަށެވެ. ނަމަވެސް އެ އިހްތިރާމަކީ ވާދަވެރިކަން ކުޑަ ވާނެ ސަބަބެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންގެ ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންވޭ އިންޑިއާ ދެކޮޅަށް ކުޅެން، އަހަރެމެން މިތީބީ އެކަމަށް ވަރަށް ބޭނުންވެފައި."
އިންޑިއާ އާއި ޕާކިސްތާން އެންމެ ފަހުން މެޗެއް ކުޅުނީ 2013 ވަނަ އަހަރު އެވެ. ބެންގަލޫރުގައި ކުޅުނު މެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސައްދާމް ހުސައިން އެވެ.
އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން ބުނީ، ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހުން ވަކި ހާއްސަ ކަމެއް ނެތް ކަމަށާއ އޭނާ އަށް އިހްސާް ކުރެވެނީ ހަމަ އެހެން މެޗު ތަކެކޭވެސް އެއްގޮތަށް ކަމަށެވެ.